ޚަބަރު

16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލުން ހޯދައިފި



އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލުން ހޯދައިފިއެވެ.

ގޮއިދޫ ސްކޫލުން މިބައިގެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، މިއަހަރު މުޅިން އަލަށް މިބައިގަ ވާދަކުރި ފ.އަތޮޅު ސްކޫލާއި ވާދަކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ގޮއެދޫ ފެނުނީ ތަފާތުކޮށެވެ. އެގޮތުން އެޓީމުން ވަނީ 25-18 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓުގައި ދެޓީމުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކި ނަމަވެސް މި ސެޓުވެސް ގެންދިޔައީ ގޮއިދޫ ސްކޫލުންނެވެ. އެއީ 26-24އިންނެވެ. ފަހު ސެޓުގައި ގޮއިދޫ ސްކޫލުން ކާމިޔާބުކުރީ 25-20އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގޮއިދޫ ސްކޫލުގެ ކޯޗް އަޙުމަދު ނިޒާމް ބުނީ، ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ސީދާ ތިން ސެޓުން ފައިނަލް މެޗު ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. ކޯޗު ބުނީ ޓީމުގައި އައު ކުޅުންތެރިންވެސް ގިނަ ކަމަށާއި، ޚާއްސަ ކޮށް މިއުމުރުގައި މެޗުގެ ޕްރެޝަރ ހިފައްޓާލަން ނޭނގުމުން އެތަންކޮޅު ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. ކޯޗު ބުނީ ދެވަނަ ސެޓުގެ ފަހުކޮޅުގައި އެހާ ވާދަދެރިވެގެން ދިޔައީ އެހެންވެ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ ސީދާ ތިންސެޓުން ކާމިޔާބު ކުރެވުނީމަ. އެކަމު ފައިނަލް މެޗެއްވީމަ މިވަރުގެ ކުދިންނަށް ޕްރެޝަރ ހިފައްޓާލަން ތަންކޮޅެއް އުނދަގޫ. ފަހުބައިގަ އެހާ ވާދަވެރި ވީވެސް އެހެންވެ." އަޙުމަދު ނިޒާމް ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފ.އަތޮޅު ސްކޫލުގެ ކޯޗް ޢަލީ ޒާހިރު ބުނީ، ފައިނަލުގައި ވާދަކޮށްލެވުންވެސް މީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށާއި، ވާދަކުރި ފުރަތަމަ އަހަރުވެސް ފައިނަލްގައި ކުޅެ، ތަޖުރިބާގެ ގޮތުން މޮޅު ޓީމަކާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުމުން އުފާވާކަމަށެވެ.

"އަސްލު ވަރަށް އުފާވެއްޖެ ފައިނަލާއި ހިސާބަށް އާދެވުނީމަވެސް. އެއީ މުބާރާތަށް އައި އިރުގަ އަޅުގަނޑުމެންގެ ޓާގެޓަކީވެސް އެއީ. މުޅިން އަލަށް ވާދަކުރާއިރު ފައިނަލުގައި ކުޅެލުންވެސް އެއީ ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ." ޢަލީ ޒާހިރު ބުންޏެވެ.