އަމީނިއްޔާ ސްކޫލުންދޭ މުޙައްމަދު އަމީން ދީދީ އެވޯޑް 2019 ކ. ކާށިދޫ/ ލޫމިނަސް، އައިމިނަތު އިބާ ނިޔާޒަށް ލިބިއްޖެއެވެ.
އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިދަރިވަރަށް އެވޯޑް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. މިއީ އަމީން ދީދީ އެވޯރޑު ލިބުނު 25 ވަނަ ދަރިވަރެވެ.
މި އެވޯޑު ދިނުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް ލީޑަރުންގެ ގޮތުގައި 16 ދަރިވަރުން ވަނީ ހުވާކޮށްފައެވެ. އަަދި ހައުސް ކެޕްޓަނުންނާއި ޑެޕިއުޓީންގެ އިތުރުން ސްޕޯރޓްސް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަންވެސް ވަނީ ހޮވާފައެވެ. އަދި މި ޙަފްލާގައި މި އަހަރަށް ހޮވާ ސްކޫލް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަންވެސް ވަނީ ހޮވާފައެވެ. މި ރަސްމިއްޔާތުގައި މިއަހަރު ސްކޫލަށް ހޮވުނު ޕްރިފެކްޓުންވެސް ވަނީ ހުވާކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަނިސާ އަޙްމަދު ވިދާޅުވީ ތަޢުލީމީދާއިރާގައި އަންހެން ދަރިވަރުން ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންދިޔަނަމަވެސް ވަޒީފަގެ މާހައުލުގައި އަންހެނުންގެ ނިސްބަތް މަދުކަމަށެވެ. ދަރިވަރުންނަށް މުޚާތަބުކުރައްވާ އަނީސާ ވަނީ ކޮންމެ ދަރިވަރަކީވެސް ކުރަން ހަވާލުކުރާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރާނެ ކުދިބަޔަކަށްވުމަށާއި އަމީނިއްޔާ ސްކޫލުން މުޖުތަމަޢުއަށް ނުކުންނަ ކޮންމެ ދަރިވަރަކީވެސް އެހެންމީހުންނަށް ނަމޫނާ ދަރިވަރުންތަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.
"ރާއްޖޭގައި ހުރި ތަޢުލީމް ދޭ ތަންތަނުން ދަސްވެނިވެގެން ނުކުންނަ އަންހެންކުދިންގެ އަދަދު ގިނަ. ތަފާތު ދާއިރާތަކުން އަންހެން ކުދިން ކުރިއަށް އެބަދޭ. ނަމަވެސް ވަޒީފާގެ ބާޒާރަށް ބަލާލާއިރު އަންހެންކުދިންގެ އަދަދުން މަދު. "އަނީސާ ވިދާޅުވިއެވެ.
އަމީން ދީދި އެވޯޑަކީ އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބިލް ޙަރަކާތްތަކާއި ގުޅުވައިގެން 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު ދެނީ މި އެވޯޑަށް ކުރިމަތިލާ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ގްރޭޑް އަށަކަށްދާ ދަރިވަރުންނަށް ދޭ އިމްތިހާނަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދަރިވަރަކަށެވެ.
މި އެވޯޑު ލިބޭ ދަރިވަރަށް އޯ ލެވެލް ނިމެންދެން ކިޔެވުމަށް ބޭނުންވާ ބައެއް ޚަރަދުތައް އަމީނިއްޔާ ސްކޫލުން ދޭނެއެވެ.