ޚަބަރު

ދައުލަތުގެ ރިޒާވަށް 200 މިލިއަން ޑޮލަރު އިތުރުވެއްޖެ


ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދިވެހި ރާއްޖޭގެ ރަސްމީ ރިޒާވަށް 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކާބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 592 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު ނިމުނުއިރު 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. މީގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް އިތުރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޔޫޒަބަލް ރިޒާވަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު. އަދި މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަކީ 242 މިލިއަން އެމެރިކާ ޑޮލަރު. އެހެންކަމުން، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން، ޔޫޒަބަލް ރިޒާވްވެސް މިވަނީ މަތިކުރެވިފައި." ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިއަދާ ހަމައަށް، ދައުލަތަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ. މިއީ ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެތްކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަރަށް ބޮޑު ތަނުން އިތުރުކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. މީގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ މިހާރުވެސް އަންނަނީ ހަމަޖެހެމުން.
މިއަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ. އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ އިޢުލާނު ކުރެވިފައި. އަދި ބައެއް މަޝްރޫޢުތައް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތާއި ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތް ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. އެގޮތުން ދެފުށް ފެންނަ އުޞޫލުން ދައުލަތް ހިންގުމަށާއި، ޖަވާބުދާރީވަނިވި ސަރުކާރެއް އުފެއްދުމަށް ދައުލަތުގެ މާލީ ތަފްޞީލުތައް، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު ޝާޢިއުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި، މިކަންތައްތައް ހުއްޓުވަންޖެހޭކަމަށާއި އެކަންކަމަށް ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.