ޚަބަރު

މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރީ ނޮވެލްޓީއިން- އިލެކްޝަންސް ކޮމިޝަން


ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާ 267،159 (ދެލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަންސާސް ނުވަ) ވޯޓު ކަރުދާސްކޮޅު ޗާޕްކުރީ ނޮވެލްޓީއާ ހަވާލުކޮށްގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ވަމުންދާ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ މިފަހަރު ވޯޓު ކަރުދާސް ޕްރިންޓު ކުރީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަސް އާއި ހަވާލުކޮށްގެންކަމަށެވެ. ކަޅާއި ހުދުން ޗާޕްކޮށްފައިވާ އެ ވޯޓު ކަރުދާހުގައި ދެ ސެކިއުރިޓީ ފީޗާސް ހިމަނާފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މިފަހަރު ވޯޓު ކަރުދާސް ޗާޕްކުރީ އާންމުކޮށް ހުޅުވާލާއިގެން އެކަމަށް އެދި ހުށައެޅި ދެފަރާތުގެ ތެރެއިން އެންމެ ރަނގަޅު އަގު އަގުހުށައެޅި ފަރާތާއި ހަވާލުކޮށްގެންކަމަށެވެ.

"އެމް ސެވަންއާ ނޮވެލްޓީން ކުރިމަތިލައިގެން އަޅުގަނޑުމެން 2 އޮޕްޝަނެއް ހުށައަޅާލީ. އެއް އޮޕަޗަނަކީ ކުލަކޮށް ޕްރިންޓްކުރަން، އަނެއް އޮޕަޗަނަކީ ބްލެކްއެންޑް ވައިޓްކޮށް. ދެން އަޅުގަނޑުމެންގެ އަތުގައި ފައިސާ ހުރި މިންވަރުން ބަލާފައި އަޅުގަނޑުމެން މިފަހަރު އިޚްތިޔާރުކުރީ ބްލެކް އެންޑް ވައިޓްކޮށް ކުރަން. އެގޮތުން އެންމެ އަގޮހެޔޮކޮށް ހުށައެޅީ 2.6 މިލިޔަނެއްހާ އަދަދެއް އެހެންވެގެން ފިނެންސް މިނިސްޓްރީއަށް ފޮނުވައިގެން ޓެންޑަރ ބޯޑުން ނިންމީ އެވަރަށް އެހެންވީމަ 2.6 މިލިޔަން މިފަހަރު ޚަރަދުވެފައި އޮތީ" ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުކަރުދާސްތައް ނޮވެލްޓީއާއި ހަވާލުކޮށްގެން ޕްރިންޓްކޮށްފައިވާއިރު މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ އެމް ސެވަންއާއި ހަވާލުކޮށްގެންނެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް 407 ފަރާތަކުން ފޯމު ހުށައެޅިނަމަވެސް 16 ފަރާތަކުން ނަން އަނބުރައި ގެންގޮސްފައިވާތީ މިހާރު އިންތިޚާބުގައި ވާދަކުރަނީ 386 ކެނޑިޑޭޓުންނެވެ. އެގޮތުން ވެރިކަންކުރާ މައި ޕާޓީ އެމް.ޑީ.ޕީން 85 ކެނޑިޑޭޓުން ވާދަކުރާއިރު، ޑީއާރުޕީން 5 ކެނޑިޑޭޓުން، އަދާލަތު ޕާޓީން 9 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީން 41 ކެނޑިޑޭޓުން، ޕީޕީއެމުން 24 ކެނޑިޑޭޓުން، ޕީ.އެންސީން 22 ކެނޑިޑޭޓުން، ލޭބަރ ޕާޓީން 10 ކެނޑިޑޭޓުން، އެމް.ޓީޑީން 8 ކެނޑިޑޭޓުންނާއި، އެމްޑީއޭ އިން 8 ކެނޑިޑޭޓުންނާއި، އަމިއްލަ 174 ކެނޑީޑޭޓުން ހިމެނެއެވެ.

މިއިންތިޚާބަށް ރީރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި 19596 މީހުން ރީރަޖިސްޓްރީ ވެފައިވާކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 501 ވޯޓުފޮށި ބަހައްޓާއިރު، މީގެތެރެއިން މާލޭގައި 144 ވޯޓުފޮށި ބަހައްޓާއިރު، ރަށްރަށުގައި 307 ވޯޓުފޮށި ބަހައްޓާނެކަމަށާއި، ރިސޯޓްތަކުގައި 33 ފޮށި އަދި ޖަލުތަކުގައި 5 ފޮށި، ބޭރުގެ ޤައުމުތަކުގައި 8 ފޮށި ބަހައްޓާއިރު ސިނާޢީ ތަންތަނުގައި 4 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ.