ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އަރަބިބަހުން މެގަޒިނެއް ނެރުމުގެ މުހިއްމުކަން ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަރަބި މާކެޓަށް އަމާޒުކޮށް ނެރުމަށް ތައްޔާރުވަމުންދާ އަލް ޖުޒްރް މެގަޒިން އިފްތިތާހުކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މެދުއިރުމައްޗަކީ ވަރަށް މުހިއްމު މާކެޓެއްކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ބެހޭގޮތުން އަރަބި ބަހުން މެގަޒިނެއް ތައްޔާރުކޮށް ނެރުމަކީ އެކަމުގެ މަންފާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލް ޖުޒްރް މެގަޒިނަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޮމްފޯރޓް ޓްރެވަލް އެންޑް ޓުއާރސްގެ ފަރާތުން މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށް ނެރުމައް ތައްޔާރުވަމުންދާ މެގަޒިނެކެވެ.
އެކުންފުނިން ބުނީ، މި މެގަޒިން ތައްޔާރު ކުރުމަށްޓަކާއި އަހަރެއްހާދުވަސް ހޭދަވެގެން ދިޔަ ކަމަށާއި މި މަސައްކަތުގައި ބޮޑެތި ކުންފުނިތަކުގެ އެއްބާރުލުން ލިބިގެން ގޮސްފައިވާކަމަށެވެ.
ކޮމްފޯރޓް ޓްރެވަލް އެންޑް ޓުއާރސްއިން ދަނީ އަލް ޖުޒްރް މެގަޒިން މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑެތި ފެއާތަކުގައި ބެހުމަށް ތައްޔާރުވަމުންނެވެ.
މެދުއިރުމައްޗަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރި އަރަމުން އަންނަ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މެދުއިރުމަތީގެ ޤައުމުތަކުން 2018ވަނަ އަހަރު ރާއްޖެއަށް 52،114 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު، %5.9 އިތުރުވުމެކެވެ.