ޕޮލިސް ސެޓްފިކެޓްގެ ޙިދުމަތް މިހާރަށްވުރެ ފަސޭހަކޮށް، ރައްޔިތުންނާއި ގާތުން އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ތައްޔާރުކުރި "ޕޮލިސް ސެޓްފިކެޓް ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
މިއީ ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރި މަސައްކަތެކެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ފުލުހުންގެ މަރުކަޒުތަކަށް ޕޮލިސް ސެޓްފިކެޓް ހޯދުމަށް އެދެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. މި ޚިދުމަތް މެނުއަލް ޕްރޮސެސްއަކުން ދުރަށްގޮސް، އިލެކްޓްރޯނިކް ޚިދުމަތެއްގެ ގޮތުގައި ތަޢާރަފްވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިއަދު އިފްތިތާޙުކުރި " ޕޮލިސް ސެޓްފިކެޓް ޕޯޓަލް" ގެ އެންމެ ބޮޑު ފައިދާއެއްކުރާނީ ދިވެހި ރައްޔިތުންނަށްކަމަށާއި އެގޮތުން ސެޓްފިކެޓް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރަމުންދާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް އަދި ހެޔޮބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިޚިދުމަތަކީ 2019-2024 އަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ހަ ޕްރިއޯރިޓީތަކުގެ ތެރެއިން އޮގަނައިޒޭޝަނަލް ރީފޯމް އަދި ޓްރާންފޮމޭޝަންގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފަސޭހަގޮތްތައް މަގުފަހުކޮށްދީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރަމަށް ކުރަމުންދާ މަސައްކަތްތަކުގައި ޓެކްނޮލޮޖީ އޭގެތެރޭގައި ހިމެނިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ކުށުގެ ތަފާސް ހިސާބު ހިމަނައިގެން ތައްޔާރުކޮށްފައިވާ " ތަފާސް ހިސާބު 2019 " ފޮތްވެސް ނެރެދެއްވާފައެވެ. ފުލުހުން ވިދާޅުވީ ޕޮލިސް ވެބްސައިޓު މެދުވެރިކޮށްވެސް ޕޮލިސް ސެޓްފިކެޓަށް މިހާރު އެދެވޭނެ ކަމަށެވެ.