މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ދިމާވެފައި އޮތް އެންމެބޮޑު އެއް މައްސަލައަކީ ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވުމުގެ މައްސަލައެވެ. މިމައްސަލަ ޙައްލުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި މަސައްކަތަށްފަހު، ހަފްތާއެއްގެތެރޭ މުދައްރިސުން ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީމަހުގެ 20ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިހާތަނަށް އަރަބިއްޔާގެ ތީޗަރުން އަދި ހަމަވެފައި ނުވެއެވެ.
ޢަރަބިއްޔާގެ ޓީޗަރުން ހަމަނުވުމުގެ މައްސަލަ ހަފްތާއެއްގެ ތެރޭގައި ޙައްލުވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިފަހުން މަސްދުވަސް ވެގެންދިޔައިރުވެސް އެސްކޫލުގެ ޓީޗަރުން ހަމައެއްނުވެއެވެ.
މިއަހަރުގެ ދިރާސީ އަހަރު ފެށުނުިއިރު އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހައި ސްކޫލުތަކެއްގެ ޓީޗަރުން ހަމަވެފައިވާކަމަށެވެ. އެހެންނަމަވެސް ޢަރަބިއްޔާގެ ޓީޗަރުން ހަމަނުވާ މައްސަލަ ފެންމަތިވެ ބެލެނިވެރިން މުޒާހަރާކޮށް ހަޅުތާކުކުރުމާއެކު އެމިނިސްޓްރީން ވިދާޅުވެފައިވަނީ މިމައްސަލަ މިހެން ދިމާވީ އަރަބިއްޔާގެ މެނޭޖުމަންޓުން ފުރިހަމަކުރަންޖެހޭ ބައެއްކަންކަން ފުރިހަމަނުކޮށް އޮތުމުގެ ސަބަބުންކަމަށާ، އެކަން ވަރަށްއަވަހަށް ޙައްލުވާނެކަމަށެވެ.
މައްސަލަ ހައްލުކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރު ހިމެނޭހެން ސަރުކާރުގެ ދެވަޒީރަކު ހިމެނޭ ވަފުދެއްވެސް ވަނީ މިޞްރަށް ދަތުރުކޮށް މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ އިސްވެރިޔާއާއި އެޤައުމުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. މިދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން ފެބްރުއަރީމަހުގެ 20ވަނަ ދުވަހު މިނިސްޓަރު ވިދަޅުވީ މިމައްސަލަ ހަފްތާއެއްގެ ތެރޭގައި ޙައްލުވާނެކަމަށެވެ. އަދިވެސް މައްސަލަ އޮތީ އޮތްގޮތަށެވެ.
ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދެމުންދަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ކަނޑައަޅާފައި އޮންނަ މުޤައްރަރަކަށެވެ. ފެށުނީއްސުރެ ދިވެހި ސަރުކާރާއި މިޞްރުގެ ސަރުކާރާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން ޢަރަބިއްޔާ ސްކޫލަށް ޓީޗަރުން ފޯރުކޮށްދެނީ އަޒްހަރު ޔުނިވަރސިޓީންނެވެ.
އަދި ޢަރަބިއްޔާ ސްކޫލަށް ޓީޗަރުން ފޯރުކޯށްދެނީ އަޒްހަރު ޔުނިވަރސިޓީން ވޮލެންޓިއަރކޮށެވެ. ޓީޗަރުންނަށް މުސާރަވެސް ދެނީ އެ ޔުނިވަރސިޓީންނެވެ.
އެހެންނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން އައިރުވެސް ޢަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ޢަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަކުރުމުގައި މިއަހަރު ދިމާވެފައިވާ މައްސަލައަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މުދައްރިސުންގެ ސިލެކްޝަން ލިސްޓް ތައްޔާރުކުރުމުގައި މިއަހަރު ލަސްވުމުން ދިމާވި މައްސަލައެއްކަމަށެވެ.
އަދި އެޔުނިވަރސިޓީން މިއަހަރު ފޮނުވި ޓީޗަރުންގެ ލިސުޓަށް ޢަރަބިއްޔާ ސްކޫލުން ބަދަލުތަކެއް ގެނައުމަކީވެސް މިމައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީން މިގޮތަށް ވިދާޅުވިތާ ބަރާބަރު 16 ދުވަސްތެރޭގައި މިދިޔަ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ހިމެނޭހެން ތިން ބޭފުޅުންގެ ވަފުދެއްވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި މިސްރަށް ވަޑައިގެންފައެވެ. މިޞްރަށް ކުރެއްވި ދަތުރުފުޅުގައި މިބޭފުޅުން ވަނީ އަޒްހަރު ޔުނިވަރސިޓީގެ އިސްވެރިޔާ އާ ބައްދަލުކުރައްވާ ޢަރިބިއްޔާ ސްކޫލްއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ޢަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުޖެހިގެން އުޅެނީ 2017ވަނަ އަހަރު އެ ޔުނިވަރސިޓީން ރާއްޖެއަށް ފޮނުވި 7 ޓީޗަރުން އެއަރޕޯޓުން ޑީޕޯޓްކޮށްލުމުންކަމަށް އެޔުނިވާސިޓީގެ ވެރިޔާ ވިދާޅުވެފައިވާކަމަށެވެ. އަދި މި އަހަރު ދިރާސީ އަހަރު ފެށުނު އިރު ޓީޗަރުން ނުފޮނުވީ އެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން މިހާތަނަށްވެސް ހައްލުވެފައިނުވާތީކަމަށެވެ.
އެހެންނަމަވެސް އެކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަޢާފަށް އެދިފައިވުމުން މުދައްރިސުން ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ މާޗްމަހުގެ 5ވަނަ ދުވަހު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީވެސް ވަނީ ހަފްތާއެއްގެ ތެރޭ ޓީޗަރުން ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައެވެ.
މިހާތަނަށްވެސް މިމައްސަލަ ޙައްލުނުވުމަކީ ޢަރަބިއްޔާގެ ބެލެނިވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.
އަޒްހަރު ޔުނިވަރސިޓީގެ 4 ޓީޗަރުން އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔާވާދެމުންދާއިރު 18 ޓީޗަރުން އިތުރަށް ބޭނުންވެއެވެ. ދިމާވެފައިވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީއާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ކިޔަވައިދެމުންދާ ބައެއް ޓީޗަރުންނާއި އެހެން ބައެއް ތަންތަނުގެ ބޭފުޅުން ވަގުތީގޮތުން އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދެމުންދެއެވެ.
މިކަމާގުޅިގެން ސަރުކާރުން މިހާރު އަޅުވައްވާ ފިޔަވަޅުތަކާއި މައްސަލަ ޙަލުކުރުމުގައި ލަސްވަނީ ކީއްވެގެންތޯ އޮޅުންފިލުވަން ޕީއެސްއެމް ނިއުސްއިން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރިމަސައްކަތް ކާމިޔާބެއް ނުވިއެވެ.