ސިޔާސީ

މާދަމާއިން ފެށިގެން ބިލެއްދޫގައި ފުލުހުންގެ ޚިދުމަތް ދޭންފަށާނެ - ރައީސް ޞާލިޙް


ނިލެންދެ އަތޮޅު އުތުރުބުރީ ބިލެއްދޫގައި މާދަމާއިން ފެށިގެން ފުލުހުންގެ ޚިދުމަތް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ކެމްޕެއިން ހަރަކާތެއްގައި ބިލެއްދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިވަގުތު ބިލެއްދޫއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައްކަމަށާއި، އެކަން ޙައްލުކުރަން އެރަށުގައި ފުލުހުން ޤާއިމްވެ ތިބުމަކީ މުހިއްމު ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ ބިލެއްދޫ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން އެރަށުގައި ޕޮލިސްޓޭޝަނެއް އިމާރާތްކުރުމަކީ މިކަމަށް ފުލުހުން ރަށުގައި ތިބުމަށް ރައްޔިތުން އިންތިހާހަށް ބޭނުންވާކަމެއްކަން ހާމަވާކަމަށާއި، ކުށްކުރުން މަދުކުރުމާއި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުހުން ލިބިގެންދާނެކަމަށެވެ.

"ތިބޭފުޅުންގެ ތިއެދުމާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން އެތަނުގައި ޕޮލިހުން ސްޓޭޝަންވެ ޚިދުމަތްދޭން ފަށާނެ. ކަންބޮޑުވެވަޑައި ނުގަންނަވައްޗޭ، އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ހަމަ މިހެން ތިބެފަ ދައްކާ ހަމައެކަނި ވާހަކައެއްނޫން. މާދަމާ އިރާދަކުރެއްވިއްޔާ މިތަނުގައި ފުލުހުންގެ ޚިދުމަތެއްދީ، މިތަނުގައި ފެތުރިފައި އޮތް ޑްރަގްގެ ވަބާއިން ސަލާމަތްކޮށް، އަމަން އަމާންކަމާއި، ޤާއިމްވެގެންދާނެ ހުރިހާކަމެއް ފުލުހުން ފައްޓަވައިދޭނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ބިލެއްދޫ އާއި ފީއަލި އަދި މަގޫދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާކަމަށާއި، އެގޮތުން ބިލެއްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އެސަރަހައްދުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެކަމަށާއި، އެމަޝްރޫއުގެ ތެރެއިން ބިލެއްދޫގެ ބިން ބޮޑުކުރުމުގެ މަސައްކަތާއި، މަގު ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޢުތައްކަމަށްވާ ފީއަލީ އަދި މަގޫދޫގެ ބިންހިއްކުންވެސް ފެށިގެންދާއިރު، ފ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ރިޒޯޓު ހިންގުމަށް އިތުރު ރަށްތަކެއް އެއަތޮޅުން ދޫކުރާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.