ޚަބަރު

ދެފުށްފެންނަ ގޮތަށް ބިޑްކުރަން ފެށުމުން މަޝްރޫޢުތަކުގެ އަގު 50 އިންސައްތަ ކުޑަކުރެވިއްޖެ - ރައީސް


ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހާމަކަމާއެކު ދެފުށް ފެންނަ އުސޫލުން ބިޑް ކުރަން ފެށުމުން ފެނާއި ނަރުދަމާ ފަދަ މުހިއްމު މަޝްރޫޢުތަކުގެ އަގު 50 އިންސައްތައަށް ކުޑަކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙްވިދާޅުވީ ކުރީގެ ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ފަދަ މަޝްރޫޢުތަކަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިހާރު ހަމަ އެފަދަ މަޝްރޫޢުތަކަށް އިއުލާންކުރުމުން ހުށަހަޅާ އަގު 27 މިލިއަން ރުފިޔާ އާއި 30 މިލިޔަން ރުފިޔާއަށް ތިރިވެފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިކަމުންވެސް، ކުރީގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވެގެންދާކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރި ކުރެވޭނެ ގޮތްތަކެއް ހޯދައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ދެފުށް ފެންނަ އަދި ވާދަވެރި އުސޫލުތަކެއްގެ މަތިން އަމަލު ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ސަރުކާރުންވަނީ "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅުއްވައި އެއަށް އަމަލު ކުރައްވަން ފައްޓަވާފައެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާގޮތުން، މަޝްރޫޢަކަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކާއެކު ސީދާ މަޝްވަރާއަށް ދިއުމަށް ހުއްދަ ދީފައިވާ ޕްރޮޕޯޒަލްތަކާއި، އެއްބަސްވުމާ ހަމައަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ. މި އުސޫލުގެ ދަށުން ހާމަކުރާ މަޢުލޫމާތުގެ ތެރޭގައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މަޢުލޫމާތާއި، ހުށަހަޅާފައިވާ ޕްރޮޕޯޒަލްގެ ސްކޯޕް ހިމެނޭނެއެވެ.