ޚަބަރު

ސުނާމީއާ ގުޅިގެން އާއްމުންނަށް ދޫކުރި ލޯނުތައް ސަރުކާރުން ދައްކައިފި


ސުނާމީ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް އާންމު ފާރަތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ލޯނުތަކަށް މިހާތަނަށް ނުދެއްކި ހުރި ހުރިހާ ފައިސާއެއް ސަރުކާރުން ދައްކައި ޚަލާސްކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ސުނާމީ ކާރިސާއާއި ގުޅިގެން ދޫކުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައި ޚަލާސްކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނޫސްބަޔާނެއްގައެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ބީއެމްއެލް އިން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން 15.2 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން، ސަރުކާރުން ދައްކަވާފައިވާކަމަށެވެ. އަދި މިއާއެކު މި ފައިސާގެ ބާކީހުރި 15.2 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް އިން މިހާރު މަޢާފްކޮށްދެއްވާފައިވާ ކަމަށެވެ.

ސުނާމީ ކާރިސާއާ ގުޅިގެން އާންމު ރައްޔިތުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ނުދެއްކިހުރި ފައިސާ ސަރުކާރުން ދެއްކުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުންނަށް ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށްފަހުގައިކަމަށް ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.