ޚަބަރު

އަސްކަރީގޮތުން ބާރުވެރިވުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޙަރަކާތްތެރި ނުވޭ - ފޮރިން މިނިސްޓަރ


ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން، އަސްކަރީ ބާރެއްގެގޮތުގައި ރާއްޖޭގައި ހަރަކާތްތެރި ނުވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، އިންޑިއާ ސިފައިންގެ ބައެއް އޮފިސަރުން ރާއްޖޭގައި ހަރަކާތްތެރިވަނީ އެޤައުމުގެ އަސްކަރީ ބާރު ރާއްޖެއަށް ފޯރުވުމަށްކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަނީ ދެ ޤައުމުގެ ގުޅުމަށް ނަފުރަތުކުރާ ބަޔަކުކަމަށެވެ. ރާއްޖޭގައި ތިބެނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރުމުގައި ޙަރަކާތްތެރިވާ ފަންނީ ޤާބިލު މީހުންކަމަށާއި، މީގެ ކުރިންވެސް އެކި ޤައުމުތަކުގެ ފަންނީ މީހުން ރާއްޖޭގައި ޙަރަކާތްތެރިވެފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ރާއްޖެއިން ގެންދިއުމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެންގުމާގުޅިގެން ދެކެވޭ ވާހަކަތަކުގައި އިންޑިއާއިން ރާއްޖެއަށް ބާރުފޯރުވާން އުޅޭކަމަށްބުނެ ފަތުރަނީ ނަފުރަތުއުފައްދަން މަދުބަޔަކު ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވަމުން އަބްދުﷲ ޝާހިދް ވިދާޅުވީ، އެދެހެލިކޮޕްޓަރުގެ އެހީގައި ކުރަނީ އިންސާނިއްޔަތަށް ފައިދާހުރި ކަންތައްތައްކަމަށެވެ. އެހެލިކޮޕްޓަރުތަކުގެ އެހީގައި ކުޑަކުދިންނާއި، ދުވަސްވީމީހުން ނުވަތަ އަވަސްފަރުވާއަށް ބޭނުންވެފައިވާ ހާލުބޮޑު ބަލިމީހުންކަމަށާއި، މިއީ ދިވެހިނަށް ބޭނުންވެފައިވާ ޚިދުމަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުންކުރާތީއެކަމާ ކަންބޮޑުވާ ފަރާތްތަކުން އޭގެ ފައިދާ ލިބޭ މީހުންނާއި ސުވާލުކުރުން ރަނގަޅުކަމަށްބުނެ މިނިސްޓަރ ޝާހިދުވަނީ އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ. އިންޑިއާއާއި ދިވެހި ރާއްޖެއަކީ ތަފާތު ދެޤައުމެއް ނަމަވެސް، އެއްޤައުމުން އަނެއްޤާއުމަށް ކުރާ އިޙްތިރާމަކީ ދެޤައުމުގެ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައިގަނޑު ސަބަބުކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤާއުމަކީ އިންޑިއާ ކަމަށާއި، އެއީ ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމެއްކަމަށެވެ.

ޚާއްސަގޮތެއްގައި 3 ނޮވެންބަރު 1988ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާގެ އިތުރުން މާލެ ފެނައް ޖެހުނު ހާދިސާއާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ފޮރިން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ހެއްދެވި ގޯހަކީ އިންޑިއާއާއި ޗައިނާ ދެމެދު މައްސަލައުފެއްދެވުން ކަމަށާ، އެއީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި ކުރަންވާފަދަ ކަމެއްނޫންކަމަށެވެ.

ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖެއާ ގާތްރަހްމަތްތެރި ޤައުމެއްކަމަށާ، އެޤައުމުންވެސް ރާއްޖެއަށް ތަރައްޤީގެ ރޮނގުން އެހީތެރިވެދީފައިވާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިސާދަށް ވަމުންއަންނައިރު، އެޤައުމާއެކު އޮތް ގުޅުން ހީނަރުވާން ދޫކޮށްނުލެވޭނެކަމަށެވެ. އަދި އެޤައުމުން ދިވެހިންނަށް ވެދިން އެހީތެރިކަމުގެ އަގުވަޒަންކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަޙްމަތްތެރި ޤައުމުތައް އިޚްތިޔާރުކުރާއިރު، ގުދުރަތީގޮތުން ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ސަރުކާރަށްވެސް ބޮޑެތި ޒިންމާތަކެއްއޮތްކަން ހަނދާންކުރަންޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.