ޚަބަރު

ކެންދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދިޔަގޮތާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަޙްގީގުކުރަނީ


މަޖިލިސް އިންތިޚާބުގައި ކެންދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދިޔަ ގޮތާމެދު ހުށަހަޅާފައިވާ މައްސަލަތަކެއް ތަޙްގީގުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ކެންދޫގައި ވޯޓުލުން ކުރިއަށްދިޔައިއިރު ފާހަގަކުރެވުނު ކަންތައްތަކެއް ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައިވާކަމަށާ، އެމައްސަލަ ބަލާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ސީދާ ކެންދޫއަށް ގޮސްގެންކަމަށެވެ. މިކަމުގައި ހުށައަޅާފައިވަނީ ވޯޓުފޮށި ކައިރީގައި ތިބި އޮފިޝަލުންނާ ގުޅޭ މައްސަލަތަކެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކެންދޫ ދާއިރާއަށް ތިން ކެނޑިޑޭޓަކު ވާދަކުރެއްވިއިރު މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ، 18ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަލީ ހުސައިންއެވެ. ޖުމްހޫރީ ޕާޓީން ވާދަކުރައްވައިގެން ޢަލީ ހުސައިން ކުރި ހޯއްދަވާފައިވަނީ، 3 ކެނޑިޑޭޓަކާއި ވާދަކޮށް 916 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ދެން ވާދަކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް އަޙްމަދު ލަތީފެވެ. ލަތީފަށް ލިބިވަޑަތީ 769 ވޯޓެވެ.

ކެންދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދިޔަ ގޮތާމެދު ހުށައަޅާފައިވާ މައްސަލަތަކެއް ތަޙްގީގުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.