ޚަބަރު

މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ މިރޭ އިއުލާން ކުރަނީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. އެކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ މިރޭ 21:30 ގައި އިންތިޚާބީ މަރުކަޒުގެ ޓްރެއިނިންގ ހޯލްގައި އޮންނާނެކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ މިރޭ އިއުލާން ކުރާނެކަން އީސީން ހާމަކޮށްފައިވާއިރު، މި އިންތިޚާބުގައި ބެެެހެއްޓީ 74 ވޯޓް ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މިއަދު ހަވީރު 16:00 ގައި ގުނަން ފަށާފައިވާ ވަނީ ލ. މާވަށު ދާއިރާއަށް ވޯޓްލާފައިވާ 69 ފޮއްޓަކާއި މާމިގިލީ ދާއިރާއަށް ވޯޓްލާފައިވާ ފޮއްޓަކާއި މަޑުއްވަރީ ދާއިރާއަށް ވޯޓްލާފައިވާ 4 ފޮއްޓެއްކަނަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޤާސިމްގެ އިންތިޚާބީ އެޖެންޓް ޝަކުވާ ހުށަހެޅުއްވުމުން ރޭވެސްވަނީ މާމިގިލީ ދާއިރާގައި ބެހެއްޓި 3 ވޯޓް ފޮއްޓެއް އަލުން ގުނާފައެވެ. ރޭ އެފޮށިތައް އަލުން ގުނުމުން ކުޑަ ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވި ޤާސިމް އިބްރާހީމްވަނީ ފަރަގު ބޮޑުކޮށްފައެވެ.

ހޮނިހިރުދުވަހު ބޭއްވި މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީންނެވެ. 87 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރި މަޖިލިސް އިންތިޚާބުގެ ވަގުތީނަތީޖާ ދައްކާގޮތުން އެމްޑީޕީން ވަނީ 85 ދާއިރާއަކަށް ވާދަކޮށް މަޖިލީހުގެ 65 ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. މި އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 41އެއް ދާއިރާއަކަށް ވާދަކޮށް ކާމިޔާބުކުރެވުނީ އެންމެ 6 ދާއިރާގެ ގޮނޑިއެވެ. އިދިކޮޅު ޕީ.ޕީއެމް ޕީ.އެންސީ ކޯލިޝަނުން 46 ދާއިރާއަކަށް ކެނޑިޑޭޓުން ނެރުނު ނަމަވެސް، ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދެޕާޓީއަށްވެސް ކާމިޔާބުކުރެވުނީ ޖުމްލަ 8 ގޮނޑިއެވެ. އަދި އެމް.ޑީ.އޭ އިން 8 ކެނޑިޑޭޓުން ވާދަކުރިއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން އެޕާޓީން ވަނީ 2 ގޮނޑީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން 174 ކެނޑިޑޭޓުން ވާދަކުރި އިރު ވަގުތީ ނަތީޖާއީ ދައްކާގޮތުން ގޮނޑި ކާމިޔާބުކުރެވުނީ އެންމެ 6 ކެނޑިޑޭޓުންނަށެވެ.

މިއިންތިޚާބުގައި ވާދަކުރި ޑީ.އާރުޕީ، ޢަދާލަތު ޕާޓީ، ލޭބަރ ޕާޓީ އަދި އެމްޓީޑީގެ އެއްވެސް ކެނޑިޑޭޓަކަށް އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ކާމިޔާބުކުރެއްވިފައެއް ނުވެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީ.އެމްގެ ގިނަ ޢަދަދެއްގެ މެންބަރުނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. މިއިންތިޚާބުގައި ކުރީގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވައި މައްޗައްގޮޅީ މެދު ދާއިރާގެ ގޮނޑިވަނީ ކާމިޔާބުކުރައްވާފައެވެ.