ޚަބަރު

މާރޗްމަހުގެ ލޯނު ސްކީމަށް 200 އަށްވުރެ ގިނަމީހުން ފޯމު ހުށަހަޅައިފި


މިދިޔަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާއެކު މިހާތަނަށް 200އަށް ވުރެ ގިނަ މީހުން ލޯނަށްއެދި ފޯމު ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޓެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މާރޗްމަހުގެ 21ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢާއިޝަތު ޝަފީނާ ވިދާޅުވީ ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ މީހުންގެ ތަރުޙީބު ލިބެމުންއަންނަކަމަށެވެ. އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ހެދުމަށް ލޯނަށް އެދިފައިވާކަމަށް ޝަފީނާ ވިދާޅުވިއެވެ.

ލޯނުގެ މިފުރުޞަތުގައި މިހާތަނަށް އަލަށް ކިޔަވަން ފަށަން ބޭނުންވާދަރިވަރުންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާކަމަށާ، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 50އަށްވުރެ ގިނަ ދަރިވަރުން މިފުރުޞަތުގައި ބައިވެރިވުމަށް އެދި ފޯމް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިފަހަރު ހުޅުވާލި ފުރުޞަތުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމަޔަށް ބައިވެރިވެވޭނެ.މީ ދަރިވަރުންނަށް ލުއިފަސޭހަވާނެގޮތަކަށް މަތީ ތަޢުލީމގެ ފުރުޞަތުތަކާއި ތަމްރީންތައް ހޯދައިދިނުން. މިވީ ދެހަފްތާގެ ތެރޭގައިވެސް ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވަނީ . މުއްދަތު ހަމަވުމުގެ ކުރިން މިއަށްވުރެ ގިނަ ފޯމްތައް ލިބޭނެކަމަށް މިބަލަނީ." ޝަފީނާ ވިދާޅުވިއެވެ.

ލޯން ސްކީމްގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ލޯނު ސްކީމަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ހުޅުވާލި މިފުރުޞަތުގައި ޑިޕްލޮމާއިން ފެށިގެން ޕީ.އެޗް.ޑީއަށް ކިޔެވުމަށްވެސް ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި މިލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ 30ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ލޯނަށް އެދި އެޕްލިކޭޝަން ހުށައަޅަން ޖެހެނީ އޮންލައިންކޮށެވެ.
ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯނުދޭއިރު މިލޯނުތަކަށް ފައިސާ ދައްކަން ފަށަން ޖެހެނީ ކިޔަވައި ނިންމުމަށްފަހު 6 މަސްފަހުންނެވެ.

މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯން އަނބުރައި ދެއްކުމަށް ކުރިން ލިބޭ އެންމެ ދިގު މުއްދަތަކީ 15 އަހަރު ނަމަވެސް، އަލަށް ދޫކުރާ މި ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ ޢަދަދަށް ބަލައި 20 އަހަރާހަމައަށް މުއްދަތު ލިބެއެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ވަނީ %5 އިން 3% އަށް ކުޑަކޮށްފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމް ނުވަތަ ދަރިވަރުންގެ ލޯން ސްކީމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ދަރިވަރުންނަށް ޚާއްސަކޮށްގެން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ވަނީ ލޯނުގެ އެހީގައި ކިޔަވަންބޭނުންވާ ދަރިވަރުން ޢަމަލުކުރަންވީ ގޮތްތަކާއި މިފުރުޞަތުގެ ދަށުން ކިޔަވަންދެވޭނެ ޤައުމުތަކުގެ މަޢުލޫމާތުތައް ޙިއްސާކޮށްފައެވެ. އަދި މިނޫނަސް ލޯނުސްކީމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ވަނީ ޙިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައެވެ.