ޚަބަރު

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ހުސްބިމުގައިހުރި ވިނަތަކެއްގައި ރޯވެ އަނދައިފި


ހުޅުމާލެ ސެންޓްރަލް ޕާކާއި ފެރީ ޓާމިނަލާ ދެމެދު އޮންނަ ހުސްބިމުގައި ރޯވެ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ރޯވެފައިވަނީ އެ ސަރަހައްދުގައި ހުރި ވިނަތަކާއި ގިނަ ދުވަސްވެފައިވާ ފިލާތަކެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާންގަޑު މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. އަދި މިހާރު އެސަރަހައްދުގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން ދުމުގެ އަސަރު ފިލުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވެއެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙްގީގުކުރަމުންނެވެ.

އެމް.އެންޑީއެފުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ފަޔަރއެންޑ ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ 13:21 އެހާއިރުކަމަށާއި، އަލިފާން ކޮންޓްރޯލްކޮށްފައިވަނީ އިރުއޮއްސިފައި ހުއްޓަކަމަށެވެ.
އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި އެމް.އެންޑީއެފުގެ ފަޔަރއެންޑް ރެސްކިއު ސަރވިސްއާއި އެއަޕޯޓްގެ ފަޔަރ ފައިޓިން ޓީމްގެ އިތުރުން ފުލުހުންނާއި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވިއެވެ.