މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން މިއަހަރު އެކުލަވާލި އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލަފައިވާކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯސަލްފޮތާއި ފްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް ބޭނުންވާ މައޫލޫމާތުތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ބާރަޖެހުމާ ހަމައަށް ޕްރޮޕޯޞަލް ހުށައެޅުމުގެ ފީ ބަލައިގަންނަމުންދާނެކަމަށެވެ. ޕްރޮޕޯޒަލް ހުށައެޅުމުގެ ފީއަކީ ދިހާހާސް ރުފިޔާއެވެ. އަދި ޕްރޮޕޯޒަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޕްރޮޕޯޒަލް ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައިވާގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުންޏަކަށްވެސް ވާންޖެހެއެވެ.
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ކޮންމެ ކުންފުންޏަކަށްވެސް ހުށަހެޅޭނީ ގިނަވެގެން އެއް ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން އެއް ޕްރޮޕޯޒަލަށްވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާޠިލްވާނެކަމަށް މިނިސްޓްރީން މިއަހަރު އެކުލަވާލާފައިވާ އުޞޫލްގައި ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކުންފުނިތަކުން ރަޖިސްޓްރޭޝަން ފީ ދެއްކުމުން، މިނިސްޓްރީން އެކުލަވާލާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު"ގައި ރަޖިސްޓަރ ކުރަން ޖެހެއެވެ. އަދި ރަޖިސްޓަރ ފީގެ ގޮތުގައި ވިހި ހާސް ރުފިޔާ ދައްކަން ޖެހެއެވެ.
ހައްޖަށް މީހުން ގެންދިޔުމަށް ޙުއްދަ ލިބޭ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން ދިހަ ދުވަހުގެ ތެރޭގައި ޙައްޖަށް މީހުން ގެންދަން ކޯޓާ ލިބޭ އަދަދުގެ ނިސްބަތުން ބޮލަކަށް ނަގަން އެ ކުންފުންޏަކުން ހުށަހަޅާ އަގުގެ %25އަށްވާ އަދަދުގެ ޕަރފޯމަންސް ގެރެންޓީއެއް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ.
މިދިޔަ އަހަރު ރާއްޖެއިން ހައްޖަށްމީހުން ގެންދިޔުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުކޯޕަރޭޝަނާއެކު 5 ކުންފުންޏަކަށް ހުއްދަދީފައެވެ.