ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބޭހޭ ކޮމިޓީއަށް ހާޒިރުކުރަން އެކޮމެޓީން ނިންމަވައިފިއެެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމަވާފައިވަނީ މިއަދު ބޭއްވެވެި އެކޮމެޓީގެ ބައްދަލުވުމުގައެވެ.

އެ ކޮމެޓީން މިގޮތަށް ނިންމަވާފައިވަނީ އެކޮމިޝަނުން ބައެއް މަޤާމުތަކަށް ޤާބިލު ނޫން މީހުން އައްޔަންކުރަމުންގެންދާކަމުގެ މަޢުލޫމާތު މީޑިއާތަކުގައި އާންމުވަމުންދާތީ، އެ ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބޭހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީ.ޕީއެމްގެ މެންބަރުން ހުށައެޅުމާއި ގުޅިގެންނެވެ.

އެ ޕާޓީއަށް ނިސްބަތްވާ 3 މެންބަރުން މިދިޔަ މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ސިޓީއެއް ހުށައަޅާފައިވަނީ، ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިލްމީ ގޮތުން އެންމެ ޤާބިލު ފަރާތްތަކަށް އިސްކަންދޭން ވާނެކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާއިރު، މިހާރަކަށްއައިސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިސް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރަން ޖެހޭކަމަށެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމެޓީން ވަނީ އެ ކޮމެޓީއަށް ފޮނުވާފައިވާ 5 ބިލެއްގެ ސުންގަޑި ހަމަވާތީ މި މިމަހުގެ 30 ގެ ކުރިން ބިލްތަކުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ. އެގޮތުން އެކޮމެޓީއަށް ހުށައަޅާފައިވާ ޤާނޫނީ ޚިދުމަތުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ކޮމެޓީގެ މުގައްރިރުވަނީ މިއަދު ވިދާޅުވެފައެވެ.