ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެމްއެމްއޭގެ ތަޙްޤީގު ރިޕޯޓް ނެރެނީ


އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރަށް ބަލަމުންދާ ކަންކަމުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅުހުންހުރި މައްސަލައެއްގެ ތަޙްޤީގު ނިމިފައިވާކަމަށާއި، އެތަޙްޤީގުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިދޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީ.އާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ތަޙްޤީގީ ރިޕޯޓްގައި ސާފުނުވާ ކަންތައްތަކެއް ހުރިކަމަށްބުނެ ފެތުރެންފެށި ވާހަކަތަކާ ގުޅިގެން އޭސީސީން ވަނީ އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރަށް ބަލަމުންދާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަން ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ ރިޕޯޓާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި މަރުކަޒީ ބޭނުންކުގެ އިތުރުން އެމް.އެމް.ޕީ.އާރުސީން ދޫކޮށްފައިވާ ލޯނުތަކެއްގެ މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ މަރުކަޒީ ބޭންކް، އެމް.އެމް.އޭ އާއި ގުޅުހުންހުރި މައްސަލައިގެ ތަޙްޤީގުކަމަށް މުއައްވިޒު ވިދާޅުވިއެވެ.

"އެމް.އެމް.އޭ އާއި ގުޅޭ މައްސަލައިގެ ތަޙްޤީގު ރިޕޯޓް މިހާރު މިވަނީ ނިމިފައި. މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަށް އެކަމުގެ މައުލޫމާތު ހާމަކުރުމަށް. ބީ.އެމް.އެލް އާއި އެމް.އެމް.ޕީ.އާރުސީން ދޫރުރި ލޯންތަކެއްގެ މައްސަލަ އަދި ނުނިމޭ" މުއައްވިޒު ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގެންދިޔައިރު މަޢުލޫމާތުދިނުމަށް ބޭންކުތަކުން ދެކޮޅުހެދިކަމަށާއި، އެކަމުގެ ތަޙްޤީޤަށް އެންމެބޮޑަށް ހުރަސްއެޅީ ބޭންކުތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.

އަދި އެމް.އެމް.އޭގެ ފައިނެންޝަލް އިންޓެލިޖެންސުން ޝައްކުކުރެވޭ ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭ.ސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއްގެ ތަޙްޤީގުތައްވެސް ކުރިއަށްދިޔަކަމަށް މުޢައްވިޒް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި މިހާރު ބަލަމުންދާ އެމް.އެމް.ޕީ.އާރުސީއާ ގުޅުހުންހުރި މައްސަތަކުގެ ތެރޭގައި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ގުޅުންހުރި މައްސަލަތައްހިމެނޭކަމަށާއި، މާފަރު އެއަރޕޯޓު މަޝްރޫޢާގުޅޭ މައްސަލަތަކާއި ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން، ސީލައިފް ފްލެޓް މަޝްރޫޢާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކެއްގެ ތަޙްޤީގުތައްވެސް ކުރިއަށްދާކަމަށް އޭސީސީން ވަނީ ކުރިން ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރަށް ބަލަމުންދާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ވަނީ ވިދާޅުވެފައެވެ.