ސިޔާސީ

ޤައިދީން ބެހެއްޓުމަށް އެކަށީގެންނުވާތީ މާލޭ ޖަލުގެ ބައެއް ބަންދުކޮށްފި


ބައިނަލްއަޣްވާމީ އުސޫލުތަކާއި އެއްގޮތަށް ޤައިދީން ބޭތިއްބުމަށް އިމާރާތެއް ބިނާކުރުމަށްޓަކައި މާލޭ ޖަލުގެ އެެނެކްސް 1 ބަންދުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ މާލެ ޖަލުގެ އެނެކްސް އެކެއްގައި ތިބި ހުރިހާ ޤައިދީން އެކި ޖަލުތަކަށް ބަދަލުކުރުމަށް ފަހު މަރާމާތުކުރުމަށްޓަކައި އެތަން މިދިޔަ ހޯމަ ދުވަހު ބަންދުކޮށްފައިވާ ކަމަށެވެ.

ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ސެޕްޓެމްބަރ މަހުގައި ހުޅުވި އެޖަލު، ފުރަތަމަ ބޭނުން ކުރަމުން ދިޔައީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށްގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ޙުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމުގެ އިތުރުން ގޭބަންދުކުރުމަށް ޙުކުމްކުރެވޭ މީހުންގެ ތެރެއިން ޙަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ.

ނަމަވެސް 2006 ވަނަ އަހަރު އެޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގެޅުނުކަމަށާއި، ވޭތުދިޔަ ހަތަރު އަހަރު މާލެ ޖަލުގެ އެނެކްސް އެކެއް ބޭނުންކޮށްފައިވަނީ މުސްކުޅިންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ޚާއްޞަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްވުމަށްކަމަށް ކަރެކަޝަނަލް ސަރވިސުން މައުލޫމާތުދެއްވައެވެ.

ސަރުކާރު ބަދަލުވެ ޖަލުތައް ހުރި ހަލާތު ދެނެގަތުމަށް ބެލިބެލުމުން މާލޭ ޖަލުގެ އެނެކްސް އެކެއް ހުރީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދުކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއްގެ ގޮތުގައި ނޫންކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮއްގެން އެތަން ބޭނުންކުރެވޭނެކަމަށް ނުފެންނަ ކަމަށް ކަރެކްޝަނުން މަޢުލޫމާތުދެއްވައެވެ. އެހެންކަމުން އެޖަލު ބަންދުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެފައިވާ ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. މާލެ ޖަލު އެނެކްސް އެކެއް ބަންދުކޮށްފައިވާއިރު ބަންދުކޮއްގެން މީހުން ގެންގުޅެން އެކަށީގެން ނުވާ ކޮންމެ ތަނެއްވެސް އަލުން ފަރުމާކޮށް އެކަށީގެންވާ ތަންތަނަށް ހެދުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ.

ބަންދުކުރި މާލޭ ޖަލުގެ ގޮޅިތައް ފަރުމާކުރުމުގައި ދަގަނޑު ކޮށިތަކެއްގެ ސިފައިގާ ފަރުމާ ކޮއްފާ ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުމުގެ އިތުރުން ގޮޅިތަކުގެ ފާޚާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮއްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ޤައިދީންގެ އަދަދު ގިނަވެފައިވެފައިވާކަން ކަރެކްޝަނަލް ސަރވިސުންވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ޖަލުގެ އެނެކްސް އެކެއް ދެން ބޭނުންކުރަން ފަށާނީ މީހުން ބަންދު ކުރުމުގައި އެހެން ޤައުމުތަކުގައިވެސް ޖަލުތައް ފަރުމާ ކޮއްފައި ހުންނަ ގޮތަށް އިމާރާތެއް ބިނާކުރުމަށް ފަހުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުންވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ޖަލުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި "ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓް"ގެ ހޯދުންތަކުގެ އަލީގައި 182 ހުށަހެޅުމެއް ހޯމް މިނިސްޓަރަށް ވަނީ ހުށައަޅައިފިއެވެ.