އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، މޯލްޑިވް ގޭހުގެ އެންމެ ބޮޑު ގޭސް ޕްލާންޓު ގދ. ތިނަދޫގައި އަޅަން ފަށައިފިއެވެ.
ތިނަދޫގައި މޯލްޑިވް ގޭހުން ތަރައްގީކުރާ ޕްލާންޓު އަޅަމުން ދަނީ 90،000 އަކަފޫޓުގެ ބިމެއްގައެވެ. އެތަނަކީ ތިނަދޫ ދެކުނު ފަރާތު ޖެޓީ ސަރަހައްދުގައި އޮންނަ ބިމެއް ކަމުން ރަށުން ބޭރުން އަންނަ ދޯނިފަހަރާއި ބޯޓުފަހަރަށް ގޭސް ބަރުކުރުމަށް ފަސޭހަ ވެގެންދާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭހުގެ ކޮންސަލްޓަންޓް، މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ގދ ތިނަދޫ ގައި އަޅާ ގޭސް ޕްލާންޓަކީ އެކުންފުނީގެ އަމިއްލަ ބަޖެޓުން 5.8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އެ ޕްލާންޓު ވެގެން ދާނީ ރާއްޖޭގައި މިހާރު ހުރި، އެ ކުންފުނީގެ އެންމެ ބޮޑު ޕްލާންޓު ކަމަށާއި އެ ޕްލާންޓަކީ 1500 ޓަނުގެ ގޭސް އުފައްދައި، ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ޕްލާންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ މޯލްޑިވް ގޭހުން އަޅާ އެންމެ ބޮޑު ޕްލާންޓު، މޯލްޑިވް ގޭހުގެ ތިލަފުށީގެ ޕްލާންޓުގަވެސް އިންނާނީ 1000 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތަށް. މިތަނުގައި 1500 ޓަނުގެ ގޭސް ރައްކާ ކުރެވޭނެ. މި ޕްލާންޓު އެޅުމަށްފަހުގަ ގޭސް ވިއްކާނީ އަޅުގަނޑުމެންގެ އޭޖެންޓުންނަށް. ވަކި ސަރަހައްދަކަށް ޚާއްސަކޮށްގެނެއް ނޫން ވިއްކާނީ" ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވި ގޮތުގައި މިހާރު އެތަނުގައި ކުރިއަށްދަނީ ބޯ ހޯލްގެ މަސައްކަތެވެ. އެމަސައްކަތް މި މަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށާއި، މުޅި ޕްލާންޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ، ތިނަދޫ ގޭސް ޕްލާންޓު އެޅުމަށް މޯލްޑިވް ގޭހާއެކު އެއްބަސްވެވުނީ 2017 ވަނަ އަހަރު ކަމަށެވެ. ނަމަވެސް ދެ އަހަރު ނިމިގެން ދިޔަ އިރުވެސް، އެކަށީގެންވާ މިންވަރަށް މަސައްކަތް ގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ޕްލާންޓު އެޅުމަށްޓަކައި ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ވަށައިގެން ފެންސު ޖަހާފައި ހުންނަތާވެސް އަހަރެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓަކީ ތިނަދޫއަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް. މިއީ ކައުންސިލުގެ ދެވަނަ ދައުރުގެ ހުރިހާ މެމްބަރުންވެސް އިއްތިފާގުވެވަޑައިގެންނެވި ޕްރޮޖެކްޓެއް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް މިދާ ސްޕީޑުގަ އަދި މިއަށްވުރެވެސް އިތުރު ސްޕީޑެއްގަ މަސައްކަތް ގޮސް، އަވަހަށް ނިންމައި ރައްޔިތުންނަށްވެސް މީގެ ފައިދާތަކެއް ލިބިގެން ދިއުން. މި ޕްރޮޖެކްޓަށް ބަލާއިރު މިކަމަކީ މުޅި ތިނަދޫއާއި ޚާއްސަ ގޮތެއްގަ މުޅި ހުވަދު އަތޮޅަށް މީގެ މަންފާތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަން އަޅުގަނޑު ފާހަގަކޮށްލަން،" އަސްއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން ރާއްޖޭގައި ތަރައްގީ ކުރާ އެންމެ ބޮޑު ގޭސް ޕްލާންޓު ތިނަދޫގައި ގާއިމް ކުރެވިގެން ދިއުމުން ދެކުނުގެ ހަތަރު އަތޮޅަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ތިނަދޫއިން އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް އުފެދިގެންދާނެކަން ފާހަގަކޮށް އޭނާ ވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް މޯލްޑިވް ގޭހާއި، ސަރުކާރުގެ ކިބައިން އެދިފައެވެ.
ގދ. އަތޮޅުގެ ވެރިކަން ކުރާ، ގދ. ތިނަދޫގައި މިހާރު ގޭސް ވިއްކަނީ އެސްޓީއޯ ތިނަދޫ ބްރާންޗުންނެވެ. އާ ގޭސް ޕްލާންޓު ގާއިމްކުރެވުމާއެކު ތިނަދޫއާއި މުޅި ދެކުނަށް ހެޔޮ އަގުގައި ގޭސް ލިބުން ފަސޭހަވެގެންދާނެއެވެ.