ޚަބަރު

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން ކާމިޔާބުކަމާއިއެކު ނިންމާލައިފި



ހަތްވަނަ ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގް ރަން ނިންމާލީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މި ދުވުން ކުރިއަށް ގެންދިޔައީ ކުރިން އަހަރުތަކެކޭވެސް އެއްގޮތަށް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުލް މެރެތަން (42 ކިލޯމީޓަރު)ގެ ދުވުން ފަށާފައިވަނީ ރޭ ދަންވަރު 2:20 ގައެވެ. ހާފް މެރެތަން (21 ކިލޯމީޓަރު)ގެ ދުވުން ފަށާފައިވަނީ ފަތިހު 5:20 ގައެވެ. 10 ކިލޯމީޓަރުގެ ދުވުން 6:20 ގައި ފެށިއިރު، އެންމެ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ 5 ކިލޯމީޓަރުގެ ދުވުން ފެށީ ހެނދުނު 7:20 ގައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ދުވުންތެރިން ބައިވެރިވި މި ދުވުމުގައި އެންމެ ޚާއްސަ ދުވުންތެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ. އެގޮތުން ފަޒްނާ ވަނީ ކާމިޔާބުކަމާއިއެކު ހާފް މެރެތަންއެއް (21 ކިލޯމީޓަރު) ފުރިހަމަކޮށްފައެވެ.

ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ވިދާޅުވީ މިއީ ހާފް މެރެތަންއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށާއި، އަދި ފިނިޝިން ލައިނުން، ސީދާ ރައީސްގެ އަތްޕުޅުން މެޑަލް އެޅުއްވުމަކީ ލިބިވަޑައިގަތް އިތުރު ޚާއްސަކަމެއް ކަމަށެވެ. ފަޒްނާ ވިދާޅުވީ، މިދުވުމަށް ލިބުނު ބޮޑު ތަރުޙީބުގެ ސަބަބުން ދިވެހިންނަކީ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބައެއްކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެކަމަށެވެ.

"ވަރަށް ބޮޑަށް ހިތްހަމަޖެހޭ އިންތިޒާމުކޮށްފައިވާ ގޮތާއިމެދު، ޢިއުލާން ކުރި ހިސާބުންފެށިގެން ބޭނުންވާ ފަރާތްތަކަށް އިންސްޓްރަކްޓަރުން ހަމަޖައްސައިދީ، ޓްރެއިން ކޮށްދީ، އަދި އިވެންޓުތެރޭގައިވެސް އިންތިޒާމުތަށް ވަރަށް ފުރިހަމަ، އެހެންވީމަ ވަރަށް ބޮޑަށް ފަސޭހަތަކެއް ވެގެންދިޔަ" އިވެންޓާއި ގުޅޭގޮތުން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވިއެވެ.

މި ދިގު ދުވުން ނިންމާލި ވަގުތު ރައީސުލްޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.