ޚަބަރު

ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލުނުކުރުން - ނިހާން


ޕީ.ޕީ.އެމްގެ އެންމެ ބޮޑު މައްސަލައަކީ، ބަލި ގަބޫލުނުކުރުމާއި، ނާކާމިޔާބީއާ ކެރިގެން ކުރިމަތީލާން ނޭނގުންކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ އެކްސްކްލޫސިވް ޕްރޮގްރާމްގައި ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އަޙްމަދު ނިޙާން ހުސައިން މަނިކު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި އެނާ ހިމެނޭހެން ވާދަކުރި ކެނޑިޑޭޓުންނަށް ނާކާމިޔާބުވީ ޕީޕީއެމުން އިންތިޚާބަށް ތައްޔާރުވުމުގައި ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ވިސްނުންތެރިކަމާއެކު އަޅާފައިނުވުމުގެ ސަބަބުންކަމަށެވެ. މީގެ އިތުރުން ޕީޕީއެމުން ވެރިކަންކުރިއިރު ސަރުކާރަށް ނިސްބަތްކޮށް ހުއްޓުމެއްނެތި ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަފަތުރައި، އެކަމުގެ ތުހުމަތު އެޕާޓީ މަޖިލީހުގައި ތަމްސީލުކުރި މެންބަރުންގެ ބޮލުގައި އެޅުވުމަކީވެސް ނާކާމިޔާބުވި މައިގަނޑު އެއް ސަބަބުކަމުގައި ނިޙާން ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕް އިސްތިއުފާ ދޭންޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ނިހާން ވިދާޅުވީ، ވޭތުވެދިޔަ 3 އިންތިޚާބުގައިވެސް ނާކާމިޔާބީއާ ކުރިމަތިވީ ބަލި ޤަބޫލުނުކުރުމާއި، ނާކާމިޔާބުވުމުން އެ ނާކާމިޔާބީއާއި ކުރިމަތިލައި އަލުން ކުރިއަށްދާން ނޭނގުމުންކަމަށެވެ.

"އަޅުގަނޑުމެން ޕީ.ޕީއެމްގެ އެންމެ ބޮޑު އެއް މައްސަލައަކީ ބަލި ގަބޫލުނުކުރުމާއި، ބަލިވީމަ ތެދުވެގެން ދުއްވައި ގަންނާނެ އުސޫލުތަކެއް ކަނޑައަޅަން ނޭނގި ހިމޭންވެފައި މަޑުޖެހިފަ ތިބުން. އަދި އެޖަޒުބާތުތައް ވައިބަރ ގްރޫޕްތަކުގައި އެކަނި ބޭނުންކުރުން. ސޯޝަލް މީޑިއާގައި މީޑިއާގެ އެހެން ވަސީލަތެއްވެސް ބޭނުމެއް ނުކުރާނެ. ހަމަ އެއްކަލަ ވައިބަރ ގްރޫޕްގައި ތިބެގެން ވާހަކަދައްކާނީ" ނިހާން ވިދާޅުވިއެވެ.

ނިޙާން ވިދާޅުވީ އެމް.ޑީޕީގެ ގިނަ ކެނޑިޑޭޓުން ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކުރީ، ޕީ.ޕީ.އެމުއާއި އެޕާޓީން ގުޅިގެން އޭރު މަސައްކަތްކުރި ސިޔާސީ ފަރާތްތަކުން އަމިއްލައަށް ތަބަކަކަށް ލައިފައި ގޮނޑިތައް ދިނުމުންކަމަށެވެ. އެއީ ޕީ.ޕީއެމްގެ ދެ މެންބަރުން އެއް ދާއިރާއަކަށް ވާދަކުރުންފަދަ ކަންކަމުގެ ސަބަބުންކަން ނިހާން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ފައިދާ އެމް.ޑީޕީން ނެގީ އެޖެންޑާ 19 ގެ ދަޅަ ދައްކައިގެންކަމުގައި ނިހާން ވިދާޅުވިއެވެ.

" ލިބިފައި ހުރި ނަތީޖާތަކުގެ އަލީގައި ރަނގަޅަށް ބައްލަވާ އަޅުގަނޑުމެންނަށް ގިނަ ގޮނޑިތައް ގެއްލިފަ ހުރީ ޕީޕީއެމްއާ ޖޭޕީން ނުސީދާގޮތެއްގައި ކޯލިޝަންވެސް ހެދީ. އަދި އެތަނަށް ލައިގެން އަދި ފަހުން ޕީޕީއެމްގެ ތެރެއިން އެހެން މީހަކަށް ތާއީދުވެސް ކުރީ. އަދި އެކޮޅުންވެސް މިކޮޅަށް ތާއީދުކުރީ. ބޮޑު މާސިންގާ ސަކަރާތްގަނޑެއް އަޅުގަނޑުމެން ޖެހިއިރުގައި އެމް.ޑީ.ޕީ މެންބަރަށް ފަސޭހަ ކަމާއެކު ގޮނޑި ގެންދެވުނީ"

އެޖެންޑާ 19 އާއި ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، މިއީ ރާއްޖެއަށް އިދިކޮޅު ޕާޓީއެއް ވަރަށް މުހިއްމު ދުވަސްވަރެއްކަމަށެވެ. އެގޮތުން މިހާރު ލީޑަރޝިޕްގައި ތިބި ފަރާތްތަކުގެ ބަދަލުގައި އައު ބަޔަކަށް ފުރުސަތުދީ ކާމިޔާބު އިދިކޮޅު ޕާޓީއަކަށް ޕީޕީއެމް އަނެއްކާވެސް ހަދަންޖެހޭކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމްގެ ރައީސް ޕާޓީގެ ހިންގުމާއި ދުރަށްދާންވާނީ ޕާޓީގެ އާއްމު މެންބަރުން އެގޮތަށް ނިންމުމުންކަމަށްވެސް ނިހާން ވިދާޅުވިއެވެ.