ޚަބަރު

ޕީޕީއެމްގެ ނާއިބު ރައީސްގެ މަޤާމަށް 3 ބޭފުޅަކު އައްޔަނުކޮށްފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަޤާމަށް 3 ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކަށްފަހު އެޕާޓީގެ ނާއިބު ރައީސްކަމަށް އައްޔަނުކޮށްފައިވަނީ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޣައްސާން މައުމޫންއާއި، ނައިފަރުގެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒުއެވެ.

ޕީޕީއެމްގެ ނާއިބު ރައީސްކަމަށް 3 ބޭފުޅަކު އައްޔަނުކޮށްފައިވާއިރު، މިދިޔަ ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އަދި ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރެވެ. މިބޭފުޅުންގެ ތެރެއިން އަބްދުއްރަހީމް އަބްދުﷲ ވަނީ ފަހުން އުފެއްދި ޕީއެންސީގެ ލީޑަރުކަމުގެ މަޤާމަށް ވަޑައިގެންފައެވެ. އަދި މުހައްމަދު ސަޢީދު ވަނީ ޕީއެންސީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް ވަޑައިގެންފައެވެ. ނަމަވެސް ޒަމީރުއާއި އާޒިމާ މަޤާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ޕީޕީއެމްގެ ލީޑަރޝިޕަށް ގެނައި ބަދަލާ ގުޅޭގޮތުން ޕީޕީއެމުން ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ޕީޕީއެމްގެ ލީޑަރޝިޕަށް ބަދަލުތަކެއް ގެނެސްފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވަނިކޮށެވެ. އަދި ގިނަ ބަޔަކު ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.