ޚަބަރު

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުމަށް ޢަމަލީ ގޮތުން ހަރަކާތްތެރިވަނީ


މިއަހަރުގެ ރަމަޞާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ 2 ޓީމަކުން ޢަމަލީގޮތުން ހަރަކާތްތެރިވަމުންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ އެއް ޓީމެއް އައްޑޫ ސިޓީގައި ހަނދު ބެލުމަށްޓަކައި ހަރަކާތްތެރިވަމުންދާނެކަމަށާއި އެނެއް ޓީމް މާލޭގައި ހަރަކާތްތެރިވަމުންދާނެކަމަށެވެ.
މިގޮތުން ހަނދު ސާބިތު ކުރުމަށްބައްވާ ޖަލްސާގެ ކުރިން އިރުއޮއްސޭވަގުތު ލޮލުން ހަނދު ބެލުމުގެ ކަންކަން ކުރިއަށްދޭނެކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިއަހަރުވެސް އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި އާއްމުކޮށް ހަނދު ސާބިތުކޮށް އުޅެނީ ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުޞޫލްތަކަށް ބިނާކޮށެވެ. ހަނދުބެލުމަކީ ހުރިހާ އެންމެންނަށްވެސް އޮންނަ ފުރުޞަތެކެވެ. އަދި ހަނދުފެނިއްޖެ މީހަކު ނުވަތަ ބަޔަކު ޝަރުޢީ އިދާރާއަކަށް ޙާޟިރުވެ އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ކޮންމެ އަހަރުކުވެސް ހަމަޖައްސާފައި އޮވެއެވެ. އަދި ހަނދު ފެނިއްޖެނަމަ އެކަން އިޢުލާންކުރުމުގެ ގޮތުން ބަޑިޖަހައެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ދިވެހި ރައްޔިތުން ރަމަޟާން މަހަށްވެސް އަދި ޝައްވާލް މަހަށްވެސް ހަނދުބަލަން ނިކުމެ ހަނދުފެނޭތޯ މަސައްކަތްކުރަމުން ގެންދިއުމަކީ އެހާ ޢާންމު ކަމެއް ނޫނެވެ.