ޚަބަރު

ޕްރޯ ލައިސަންސް ނެގި ފުރަތަމަ ކޯޗަކަށް ޝާޒްލީ


ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ސެޓްފިކެޓް ރާއްޖޭގެ މުހައްމަދު ޝާޒްލީ ހާސިލްކޮށްފިއެވެ. މިއީ ރާއްޖޭގެ ކޯޗްއެއް މިފަދަ ސެޓްފިކެޓްއެއް ހާސިލް ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯޗުންގެ ތަޢުލީމީ ކަންތަށްތަކާއި ބެހޭ ޑިޕާޓްމަންޓްގެ ހެޑްއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުހައްމަދު ޝާޒްލީ ހާސިލްކޮށްފައިވަނީ އޭއެފްސީ ޕްރޯ ޑިޕްލޮމާއެކެވެ.
އެފްއޭއެމްގައި މަސައްކަތް ކުރުމުގެ ކުރިން ޝާޒްލީވަނީ ބީޖީ ސްޕޯޓްސް ކުލަބް، ވިކްޓްރީ ސްޕޯޓްސްގެ ކުލަބްގެ އިތުރު 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ހެޑް ކޯޗްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.
މުހައްމަދު ޝާޒްލީ ހާސިލްކޮށްފައިވާ އޭއެފްސީ ޕްރޯ ޑިޕްލޮމާ ސެޓްފިކެޓް ހޯދާފައިވަނީ ހަތަރު މޮޑިއުލްއަކަށް ބަހާލައިގެންނެވެ. މިސެޓްފިކެޓް ހާސިލް ކުރުމަށް ޝާޒްލީވަނީ މެލޭޝިޔާ، ކްރިގްސްތާން އަދި ޔޫރަފްއާއި އޭޝިޔާގެ ބައެއް ގައުމްތަކުގައި މަސައްކަތްކޮށްފައެވެ.
ޝާޒްލީގެގެ އިތުރުން މުހައްމަދު ޝިޔާޒް (މޯހަން)ވެސް އޭއެފްސީ ޕްރޯ ޑިޕްލޮމާ ސެޓްފިކެޓް ހާސިލް ކުރުމަށް މިހާރުދަނީ މަސައްކަތް ކުރަމުން. މޯހަން މިކޯސް ފުރިހަމަކޮށް ނިމޭނީ އަންނަ އަހަރުގެ ޖުލައި މަހުގައެވެ.
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓްއެއް. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސްއެވެ.
މިހާރު ޝާޒްލީއަށް ޖަޕާން، އިރާން އަދި މިޑިލް އީސްޓްގެ ގައުމްތަކާއި އޭޝިޔާގެ ކޮންމެ ގައުމްއެއްގައިވެސް އެންމެ މަތީ ފަންތީގައި ކޯޗް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.