ޚަބަރު

މަޢުސޫމްއާއި އާޒިމްގެ ސަސްޕެންޝަން އުވާލައިފި


އެމް.އެމް.ޕީ.އާރު.ސީގެ މައްސަލައިގައި ހިމެނޭ އެސް.އޯ.އެފް ކުންފުނިން ފައިސާތަކެއް ޖަމާކުރި މައްސަލައިގައި ރައީސް އޮފީހުން ސަސްޕެންޑްކުރި ފެން ކުންފުނީގެ ޗެއަރމަން އަހުމަދު މައުސޫމްއާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެެ ސަސްޕެންޝަން އުވާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ސަސްޕެންޑްކުރި މައުސޫމްއާއި އާޒިމްގެ ސަސްޕެންޝަން އުވާލީ އެބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގެވުމުންކަމަށެވެ.

މައުސޫމްއާއި އާޒިމްގެ ސަސްޕެންޝަން އުވާލިއިރު، ހަމަ އެމައްސަލައިގައި ގޭގައި މަޑުކުރަން އެންގެވި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފާއި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަންވެސް ވަނީ އުވާލާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެސީސީން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ 1.4 ބިލިއަން ރުފިޔާވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުންތައް އޮންނަ ކުންފުނިތަކެއްގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. އޭގެތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކުއުންޓުންވަނީ އެ ފައިސާ ބައެއް ކުންފުނިތާކާއި މަޖިލިސް މެމްބަރުންނާ ވިޔަފާރުވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.