ޚަބަރު

ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަޒީރުން މަޝްވަރާކުރައްވައިފި


ޓެރަރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ވަނީ އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގައި މިކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، އަވަށްޓެރި ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ހާމަކުރައްވާފައެވެ. އަދި ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ފުލުހުންނާއި ސިފައިންގެ މުއައްސަސާއިން މަޝްވަރާކޮށް، މިހާރުން މިހާރަށް އަޅަންހުރި ފިޔަވަޅުތައް އަޅަން ފަށްޓަވާފައިވާކަންވެސް އެ ދެ މުވައްސަސާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ސްރީލަންކާއަށް ދިން ޙަމަލާތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ.

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 310 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.