ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް މާލޭގައި ޢާއްމު ފާޚާނާތައް ތަރައްޤީކޮށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގައި މިހާރުވެސް އެކި ސަރަހައްދުތަކުގައި ޢާއްމު ފާޚަނާތަކާއި ޕޭޓޮއިލެޓްތައް ހުރެއެވެ. އެހެންނަމަވެސް މިހާރު އެތަންތަނަކީ ބޭނުންކުރަން އެކަށީގެންވާވަރަށްވުރެ ދަށް ޙާލަތުގައި ހުރި ތަންތަނެވެ. މިހާރު ހުރި ބައެއްތަނުނުގައި ވެސް އަންހެނުންނާއި ފިރިހެނުންނުނަށް ޚާއްސަ ފާޚަނާތައް ވަކިން ހުރިނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާޚަނާތަކެއް ނުހުރެއެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާޚާނާތަކެއް ހެދުމަށް ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ މާލޭގެ އެކިސަރަހައްދުތަކުގައި ޢާއްމު ފާޚާނާތައް ޤާއިމްކުރުމަށް ނިންމާފައިވާއިރު އެފާޚަނާތައް ވެގެންދާނީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޚާއްސަ ފާޚާނާތަކެއް ހިމެނޭ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޚާއްސަ ފާޚަނާތަކެއް އެކުލެވޭ ތަންތަނަށް ކަމަށެވެ.
ޝަމާޢު ވިދާޅުވީ މިހާރުހުރި ފާޚާނާތަކުގެ އިތުރަށް މާލޭގެ އެކިތަންތަނުގައި ޢާއްމުންނަށް ޚާއްސަ ފާޚާނާތައް ޤާއިމް ކުރާނެކަމަށެވެ. އަދި މިހާރުހުރި ފާޚަނާތައް ހިންގާ މީހުންގެ އެގްރީމަންޓްތައް ހުރީ މުއްދަތު ހަމަވެފައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ފާޚާނާތައް އަލުން ތަރައްޤީކޮށް މިއަހަރުގެ ތެރޭގައި އެތަންތަން އާޢްމު ރައްޔިތު ބޭނުންކުރުމަށް ހުޅުވާލާނެކަމަށެވެ.
"މި ފާޚަނާތައް ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމްތަކެއް ޤާއިމްކުރެވިގެންދާނެ. މިހާރު ފާޚަނާތަކުގެ އިތުރަށްވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި ފާޚާނާތައް ޤާއިމްކުރެވޭނެ ގޮތްތައްއް ހޯދަމުން މިދަނީ. މިގޮތުންމިހާރު ހަދާ ޕާރކްތަކާއި ހުސްޖާގަތަކުގައިވެސް ފާޚަނާތައް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން މިދަނީ."ޝަމާޢު ވިދާޅުވިއެވެ.
ޢާއްމުކޮށް އެންމެންނަށް ހުޅުވާލާފައިހުންނަ ފާޚާނާތަކެއް މާލޭގެ އެކިސަރަހައްދުތަކުގައި ހުރިއިރު އެތަންތަނުގެ ހަޑިމުޑުދާރުކަން އިންތިހާއެވެ. މާލޭގައި އެކިތަންތަނުގައި ހަދާފައިވާ މިފަދަ ފާޚާނާތަކުގެ މުޑުދާރުކަމާއި އެތަންތަނުގެ ޙާލަތު ދަށްކަމުގެ ޝަކުވާއަކީ ޢާއްމުން އަބަދުހެން ކުރަމުންދާ ޝަކުވާއެކެވެ. އަދި މިގޮތަށް ހުރި ގިނަފާޚާނާތައް ހުރީ ބޭނުންކުރެވޭ ވަރަށްވުރެ މާދަށް ޙާލަތެއްގައެވެ.