ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރާ ކެމެރާތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ. ފުލުހުން ވަނީ މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ބްރިޖް އަދި ހައިވޭގައި 77 ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ކެމެރާ ހޯދުމަށް ފުލުހުން މީގެ ކުރިން އިއުލާނުކޮށްފައިވެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފުލުހުންގެ މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެ ކަމަށް ފުލުހުންވިދާޅުވެއެވެ.
ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މެއި މަހުގެ 4ވަނަ ދުވަހުގެ 16:00ގައެވެ. ބުރިޖާއި ހައިވޭގައި ސަރވައިލަންސް ކެމެރާ ހަރުކުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ސަރވޭއާއި، ދިސާރާގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
ބުރިޖު ހުރަސްކޮށް ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތައް މި ކެމެރާތައް ބޭނުންކޮށްގެން ދެނެގަނެ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައި ބްރިޖް މަތީގައި ސްޕީޑް ކެމެރާ ހަރުކޮށް ބާރަށް ވެހިކަލް ދުއްވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާމެދު ފިޔަވަޅުއަޅަންވެސް ވަނީ ނިންމާފައެވެ.
ބުރިޖާއި ހައިވޭމަތީގައި ސްޕީޑް ކެމެރާއާއި ސަރވައިލަންސް ކެމެރާ ހަރުކުރުމަށް މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. މިމަސައްކަތް ކުރަމުންދަނީ ފުލުހުންނާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެންނެވެ.
ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން ބްރިޖާއި ހައިވޭގައި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އެހެންނަމަވެސް ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރުކުރުމުގެ ސަބަބުން މިހާރު ކޮންމެވެސް ވަރަކަށް އެކްސިޑެންޓްތައް މަދުކަން ފާހަގަކުރެވެއެވެ.