ޚަބަރު

އިޙްޔާ ފޯރަމް މި ފަހަރު މުޅިން ތަފާތު


ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމަކީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމް ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެވެ. އެގޮތުން އެހެން އަހަރުތަކޭ އެގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމް ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް މިއަހަރުގެ މި ފޯރަމް ކުރިއަށް ގެންދަނީ މުޅިން ތަފާތު ގޮތަކަށެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ރަމަޟާން މަހުވެސް އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެރެއެވެ. އެހެންނަމަވެސް މި އަހަރުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. މީގެކުރިން ހަމައެކަނި އާއްމު ރައްޔިތުންނަށް މި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަނަމަވެސް މިއަހަރު މިޙަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ އެކި މުއައްސަސާތަކަށްވެސް ޚާއްސަކޮށްގެންނެވެ.

މިގޮތުން ފޯރަމް ކުރިއަށްގެންދާ އެކި ރޭރޭ އެކި ކުންފުނިތަކަށް ޚާއްސަ ކުރުމަށްވަނީ ނިންމާފައެވެ. އަދި ކުންފުނިތަކުން ޚާއްސަ ވަކި މަޢުޟޫޢުތަކަށް ދީނީ މަޢުލޫމާތު ބޭނުންނަމަ މަޢުޟޫޢު އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ ވަކިވަކި ކުންފުނިތައް ބައިވެރިވުމުގެ ބަދަލުގައި އެކި ކުންފުނިތައް ގުޅިގެންވެސް މިޙަރަކާތުގައި ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް މިޙަރަކާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ޢާއްމުންނެކޭ އެއްގޮތަށް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް ދީނީ ކަންކަމަށް ލޯބިކޮށް ދިނީ ކަންކަމަށް ހޭލުންތެރިކުރުމަށްޓަކައެވެ.

މީގެ ކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ. އަދި މި އަހަރުވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ.

ކޮންމެ އަހަރެއްގެ ރަމަޞާންމަހު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށްޓަކައި ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައެވެ. އަދި މިއަހަރުވެސް މިފަދަ ޢިލްމުވެރިން ތަޤްރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ.
ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެ ރެއެއްގައި ގެނެސްދޭ އިޙްޔާ ފޯރަމްގައި މަޝްވަރާކުރާ މައުޟޫތަކަކީ، މިހާރުގެ ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތް ކޮށްފައިވާ މައުޟޫޢުތަކެކެވެ.