ޚަބަރު

މާދަމާއިން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ


މާދަމާއިން ފެށިގެން މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މި އަހަރު ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15އިން ފެށިގެން މެންދުރުފަހު 1:00 އަށެވެ. މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

މާލެ ސަރަޙައްދުގައި، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
- ރަތް ހަނޑުލުންނަމަ 75 ރުފިޔާ
- އާދައިގެ ފުށުންނަމަ 15 ރުފިޔާ
- އާޓާ ފުށުންނަމަ 60 ރުފިޔާ

އަތޮޅުތަކުގެ ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

- ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގު

ފިޠްރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެމައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ.

އެހެންނަމަވެސް ފިޠުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިގެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.

މާދަމާއިން ފެށިގެން ރަމްޟާންމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.