ރޯދަވީއްލާވަގުތު ރޯދަ ވީއްލަން ވަކި ތަނަކަށް ނުދެވި މަގުމަތީގައި އުޅޭމީހުންނަށް ރޯދަ ވީއްލޭނެ މަޤުފަހިކޮށްދިނުމަށް މަދުންނަމަވެސް ރާއްޖޭގެ އަމިއްލަ ބައެއް ޖަމްޢިއްޔާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މިއީ މާތްވެގެންވާ ރަމަޟާންމަހު ދިވެހިންގެ ތެރެއިން ފެންނަމުންދާ ރީތި އާދައެކެވެ.
ރަމަޟާން މަހު ރޯދަ ވީއްލަން ގާތްވާ ވަގުތަކީ އާންމުކޮށް މީހުން މަސައްކަތް ނިންމައި ގެއަށްދާ ވަގުތެއްނަމަވެސް ބައެއް މީހުންގެ މަސައްކަތް ހުންނަ ގޮތުންނާއި ދިމާވާ އެކި ކަންތައްތަކާހެދި ރޯދަ ވީއްލަން ގެއަށް ނުވަތަ ރޯދަ ވީއްލާނެ ކާއެއްޗެއް ހޯދަން ނުދެވޭ ފަހަރުވެސް އާދެއެވެ. މިފަދަ ބައެއް މީހުން މިސްކިތްތަކުން ރޯދަ ވީއްލާއިރު، ބައެއް މީހުންނަށް މަޣްރިބް ނަމާދަށް ބަންގި ގޮވާއިރުވެސް ރޯދަ ވީއްލަން ތަނަކަށް ނުދެވި މަގުމަތީގައި ތިބެންޖެހޭ ފަހަރުވެސް އާދެއެވެ.
ވެރިރަށް މާލޭގެމަގުތަކުން ފަހަކަށް އައިސް ކޮންމެ ރަމަޟާން މަހަކުވެސް ހަވީރު އިރުއޮއްސެން ކައިރިވާ ވަގުތު ފެންނަ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ މިފަދަ މީހުންނަށް ރޯދަ ވީއްލުމަށް އެހީވުމަށް ބަޔަކު ހަރަކާތްތެރިވާ މަންޒަރެވެ. މަޣްރިބް ނަމާދަށް ބަންގިގޮވަން ކައިރިވާ ވަގުތު މަގުމަތީގައި އުޅޭ މީހުންނަށް ރޯދަ ވީއްލަން ބޭނުންވާނެ ކަދުރާއި ފެން ހިމެނޭ ޕެކޭޖުތަކެއް ބެހުމަށް ޒުވާނުންތަކެއް ހަރަކާތްތެރިވަމުންދާ މަންޒަރެވެ.
މިކަމުގައި ދިވެހި ޒުވާނުން އިސްނަގައިގެން ހަރަކާތްތެރިވަމުންދާ މަންޒަރަކީ އުފާވެރި މަންޒަރެކެވެ. "ދަޢުވާ މޯލްޑިވްސް" އިން ކޮންމެ ރަމަޟާންމަހަކުވެސް ހިލޭސާބަހަށް ކުރިއަށްގެންދާ މި ޙަރަކާތުގައި ގިނަ ޒުވާނުންތަކެއް ދަނީ ބައިވެރިވަމުންނެވެ.
50 އަށް ވުރެ ގިނަ ވޮލަންޓިއަރުންގެ މައްޗަށް އެކުލެވޭ ޓީމަކާއެކު "ދަޢުވާ މޯލްޑިވްސް"ގެ ފަރާތުން ރޯދަވީއްލާގަޑިއާ ދިމާކޮށް ކުރިޔަށް ގެންދާ "ހޭސްޓަން ޔޯރ އިފްތާރު" ޕްރޮގްރާމަކީ އިސްލާމީ ރީތި އާދަކާދައިގެ މައްޗަށް އެކުލެވޭ މުހިންމު ޕްރޮގްރާމެކެވެ.
މިހަރަކާތުގައި މިއަހަރުވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު އަދިވެސް މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އަދި މި ޙަރަކާތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
ރޯދަވީއްލާ ގަޑިއާ ދިމާކޮށް ދައުވާ މޫވްމަންޓުން މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ރޯދަ ވީއްލަން ބޭނުންވާނެ ކަދުރާއި ފެން ހިމެނޭ ޕެކޭޖުތަކެއް ދަނީ ބަހަމުންނެވެ. އެގޮތުން މާލޭގެ ބްރިޖް ކައިރިއާ އެމްއެމް.އޭ އަދި ބޮޑުތަކުރުފާނު މަގުގެ އިތުރުން މީހުން ގިނަ ސަރަޙައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ފެރީޓާރމިނަލްއާއި ވިލިމާލޭގެ މީހުން ގިނަ ހިސާބުތަކުގައި މި ހަރަކާތް ކުރިއަށްގެންދެއެވެ.
ދައުވާ މޫވްމަންޓުން ބުނީ މަގުމަތީން ރޯދަވިއްލުމަށް ދޭ ޕެކޭޖްތަކުން ބޮލަކަށް ތިންރުފިޔާ އެއްލާރިޖެހޭކަމަށާއި ތިން ސަތޭކަ ރުފިޔާއިން ސަތޭކަ މީހުންނަށް ރޯދަވީއްލޭނެ އިންތިޒާމް ހަމަޖެހިގެންދާކަމަށެވެ. އަދި މާލޭގެ އިތުރުން އެހެން ރަށްތަކުގައިވެސް މި ޙަރަކާތް ކުރިއަށްގެންދަން ރާވަމުންދާކަމަށްވެސް ދަޢުވާ މޫވްމަންޓުން ބުނެއެވެ.
2013 ވަނަ އަހަރު ވަރަށް ކުޑަގޮތަކަށް ފެށި މި ހަރކާތް މިހާރު މި ވަނީ ފުޅާވެ އާއްމުންގެ ތަރުޙީބު ލިބޭ ޙަރަކާތަކަށް ވެގެން ގޮސްފައެވެ. ދަޢުވާ މޯލްޑިވްސް ޖަމްޢިއްޔާއިން ކުރިއަށްގެންދާ މި ހަރަކާތުގައި ރޯދަ ވީއްލާނެ އެއްޗެއްސާއެކު އަވަހަށް ރޯދަ ވީއްލުމަށާއި ރޯދަ ވީއްލާއިރު ކިޔާ ދުޢާ ކިޔުމަށް ހަނދުމަކޮށްދެއެވެ.