ވިޔަފާރި

މުކޭޝް އަމްބާނީ ޔޫކޭގެ ހަމްލީސް ކުންފުނި ގަނެފި


ކުޑަކުދިންގެ ކުޅޭ ސާމާނު އުފައްދާ އިނގިރޭސިވިލާތުގެ މަޝްހޫރު ހަމްލީސް ކުންފުނި އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ ގަނެފިއެވެ.

259 އަހަރުވެފައިވާ ހަމްލީސް ކުންފުންޏަކީ ކުޑަކުދިންގެ ކުޅޭ ސާމާނު އުފައްދާ އެންމެ ގިނަދުވަސްވީ ކުންފުނީގެ އިތުރުން، އެވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކުންފުންޏެވެ. މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން ހަމްލީސްގެ 100 ޕަސަންޓް ހިއްސާ ގަތީ ކީހަވަރަކަށް ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާގޮތުން ރިލަޔަންސްއިން ހަމްލީސް ގަތީ 88 މިލިއަން ޑޮލަރަށެވެ.

މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން ހަމްލީސް ގަތުމާއެކު އެކުންފުނިން ދުނިޔޭގެ 18 ޤައުމެއްގައި ހިންގާ 167 ފިހާރައެއްގެ ކޮންޓްރޯލް ރިލަޔަންސްއަށް ލިބޭނެއެވެ. އަނެއްކޮޅުން އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރގެ ހައިސިއްޔަތުން ރިލަޔަންސްއިން މިހާރުވެސް ދަނީ ހަމްލީސްގެ 88 ފްރެންޗައިޒް ފިހާރައެއް އިންޑިއާގައި ހިންގަމުންނެވެ.

ޚަބަރުތައް ބުނާގޮތުން ރިޔަލަންސްއިން ހަމްލީސް ގަނެފައިވަނީ އޮންލައިން ރީޓެއިލް ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން އިންޑިއާގައި މިހާރުވެސް އޮންލައިން ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ އެމޭޒޮން އާއި ވޯލްމާޓްއާ ވާދަކުރުމަށް ހަމްލީސް ގަތުމުން ފަސޭޙަވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއީ އިންޑިއާގެ މަހުޖަނަކު އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ގަތް ފުރަތަމަ ފަރާތެއް ނޫނެވެ. މީގެ ކުރިން ޓާޓާ މޮޓޯސް ހިންގާ ރަޓަން ޓާޓާ ވަނީ އިނިގިރޭސިވިލާތުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ޖެގުއަރ ގަނެފައެވެ.