ވިޔަފާރި

ފުރަތަމަ 4 މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 6 ބިލިއަން ރުފިޔާ


މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ނިމުނުއިރު ޓެކްސްގެ ގޮތުގައި ދައުލަތަށް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ޚިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެހެން ޓެކްސްތަކަށް ބަލާލާއިރު ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި 320 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 257 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ރެމިޓަންސް ޓެކްސްގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސްގެ ގޮތުގައި 6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ފުރަތަމަ 4 މަހު ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ 459.7 މިލިއަން ރުފިޔާއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 259 މިލިއަން ރުފިޔާ ހިމެނެއެވެ.

ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ 7.9 ބިލިއަން ރުފިޔާއަށް އަރާއިރު، މި މުއްދަތުގެ ތެރޭގައި ކުރެވުނު ޚަރަދު އުޅެނީ 7.5 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން 79 އިންސައްތަ ނުވަތަ 5.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ސަރުކާރު ހިންގުމުގެ ޚަރަދަށެވެ. އަދި ތަރައްޤީއަށް ޚަރަދުކުރެވިފައިވަނީ 21 އިންސައްތަ ނުވަތަ 1.5 ބިލިއަން ރުފިޔާއެވެ.