އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ސެމީ ފައިނަލުން ފާތުމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.
12 އަހަރުން ދަށުގެ ޓޭބަލް ޓެނިސް ކުޅުންތެރިންނަށް ހާއްސަ ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ސެމީ ފައިނަލުން ދީމާ ޖާގަހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖްގައި ދީމާ ވަނީ  ލެބަނަން، ތައިލޭންޑް އަދި ކަޒަކްސްތާން ގެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދާފައެވެ. ދީމާ ބަލިވެފައިވަނީ ގްރޫޕްގެ އެއްވަނަ ހޯދި އިންޑިޔާ ކުޅުންތެރިޔާ އަތުން އެކަންޏެވެ. 
   
އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ދީމާ ވާދަކުރާނީ އީރާންގެ ކުޅުންތެރިޔަކާއެވެ. 
11 އަހަރުގެ ދީމާ ތައިލޭންޑްގައި ކުރިއަށްދާ އޭޝިއާ ހޯޕްސް މުބާރާތުން ޖާގަހޯދީ ޖެނުއަރީގައި އިންޑިޔާގައި ބޭއްވި ސައުތް އޭޝިއާ ހޯޕްސް މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ ރާއްޖޭގެ ކުޅުންތެރިޔަކު ބައިނަލްއަޤުވާމީ މުބާރާތެއްގައި ރަންމެޑައްޔެއް ހޯދާފައިވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. 
އޭޝިޔާގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިން ބައިވެރިވި މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދުމުން އެކަން ފާހަގަކޮށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ދީމާއަށް މަރުހަބާކިޔާ ޓްވީޓް ކުރައްވާފައެވެ.