ބިން ހިއްކުމާއި ފަޅުފުންކުރުން ފަދަ ފަރުތަކަށް އަސަރުކުރާ ހުރިހާ މަސައްކަތްތައް މި ދުވަސްވަރު ވަގުތީ ގޮތުން ހުއްޓާލުމަށް މެރިން ރިސާޗް ސެންޓަރުން ގޮވާލައިފިއެވެ.
މެރިން ސެންޓަރުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) ބަލާ މިންގަޑުތަކުން ފަރުތަކުގައިވާ ގާ ހުދުވުމުގެ ނުރައްކާގައި ރާއްޖޭ އޮތީ ވޮޗް ލެވެލް ނުވަތަ ދެވަނަ ދަރަޖައިގެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި ގާ ހުދުވާ މިންވަރު އިތުރުވެ މި ލެވެލް މައްޗަށް ޖެހި ރާއްޖެ އިންޒާރު ނުވަތަ ވޯނިން ލެވަލަށް އަރާނެކަމަށް ލަފާ ކުރެވޭކަމަށްވެސް މެރިން ރިސާޗް ސެންޓަރުން ބުނެއެވެ.
މެރިން ރިސާޗް ސެންޓަރުން ބުނީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަރުތައް މިފަދަ ގާހުދުވުމުގެ ހާދިސާތަކަށް ފަހު އަލުން އިޔާދަ ވާ މިންވަރު އަވަސްކަމަށެވެ. އެހެން ނަމަވެސް، މިފަދަ ދުވަސްވަރެއްގައި ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުން އަލުން އިޔާދަ ވުން ލަސްވެ ނުވަތަ އެކަމަށް ހުރަސްތަކެއް އެޅުމަކީ އެކަށީގެންވާކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީ ގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެތީ އެކަންކަން ވަގުތީ ގޮތުން މިދުވަސްވަރު މަޑުޖައްސާލުމަށް މެރިން ރިސާޗް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހާ ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދިރުން ދެމެހެއްޓުމަށާއި ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މުހިންމު ފިޔަވަޅެއްކަންވެސް ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގެ ފަރުތަކުގައިވާ ގާ ހުދުވެފައިވާކަން ފާހަގަވެފައިވާނަމަ އެ ސެންޓަރަށް އެންގުމަށް މެރިން ރިސާޗުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަތައް އެންމެ ފުރަތަމަ ފަހަރަށް ފާހަގަވެފައިވަނީ 1998 ވަނަ އަހަރުއެވެ.