ކުޅިވަރު

އޯޕަން ޓޭމްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލް ހޯދައިފި


ރަމަޟާން ކްރިކެޓް ކާނިވާލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކާމިޔާބުކޮށްފިއެވެ.

އެމްއޭސީއެލްއިން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޝުގަކޯންގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އެމްއޭސީއެލްއިން ނިންމީ އުކަން. އެގޮތުން ފުރަތަމަ އިނިންގްސްގައި ޝުގަކޯންއިން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި އެމްއޭސީއެލްއިން ފަސޭހަކަމާއިއެކު ފަސް އޯވަރުގެ ތެރޭގައި ޓާގެޓް ހަމަކޮށް މެޗު ކާމިޔާބުކުރިއެވެ.

އެޓީމުގެ އަޙުމަދު އަމީލް 9 ބޯޅައިން 25 ލަނޑު ހެދިއިރު، ޝާފީ ވަނީ 5 ބޯޅައިން 15 ލަނޑު ހަދާފައެވެ. އަދި ރިޝްވާން ވަނީ ނުބައިނުވެ 8 ބޯޅައިން 32 ލަނޑު ހަދާފައެވެ.

މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިއަކީ ރަނަރަޕް ޝުގަކޯންގެ އާދަމް ޒަމީލެވެ. އޭނާވަނީ މުބާރާތުގައި ޖުމްލަ 105 ލަނޑު ހަދާފައެވެ.

އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކަށް ހޮވުނީ، ޖުމްލަ 7 ވިކެޓުނެގި، އެންއޭސީއެލްގެ އަޙުމަދު ނީޝަމް ނާސިރެވެ.

ރަމަޟާން ވެޓަރެންސް ކާނިވަލްގައި މާދަމާ، ސަރުކާރު އޮފީސްތަކުގެ ޓޭޕްބޯލް މުބަރަތުގެ ކުޅުން ފަށާނެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ޔޫތް މިނިސްޓްރީ އާއި އެމްއެމްއޭއެވެ. ދެވަނަ މެޗުގައި ވާދަކުރަނީ މީރާ އާއި ދިވެހި ސިފައިންގެ ކުލަބެވެ.