ވިޔަފާރި

ސެންޗޫރިއަންގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ނިންމައިފި


ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ނިންމައިފިއެވެ.

ސެންޗޫރިއަންގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ނިންމާފައިވަނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. މިޖަލްސާގައި ހިއްސާދާރުންގެ ވޯޓުން އާއްމު ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ފަންސާސް އިންސައްތައަށްވާ 2.7 މިލިއަން ރުފިޔާއެވެ. އަދި ހިއްސާ ބަހާނީ މިއަހަރުގެ މޭމަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށްކަމަށްވެސް އަހަރީ އާއްމު ޖަލްސާގައި ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ސެންޗޫރިއަންއިން ހިއްސާ ވިއްކަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. ސެންޗޫރިއަންއަކީ ރާއްޖެއަށް މުދާ އެތެރެކޮށް ލޮޖިސްޓިކްސްއާ ގުޅޭ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ކުންފުންޏެކެވެ.