ވިޔަފާރި

އިންޓަނެޓް އަގު ހެޔޮކުރަން އިތުރު ފަރާތްތަކަށް ފުރުޞަތުދޭން ސަރުކާރުން ފަސް ނުޖެހޭނެ- މަލީޙް


އިތުރު ކުންފުނިތަކަށް ފުރުޞަތުދީގެންވެސް އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށްކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އެމިނިސްޓްރީއާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ދިރާގާއި އުރީދޫ އަދި އާރު.އޯ.އެލްއާއެކު މަޝްވަރާތަކެއް ކުރިއަށްދާކަމަށާއި އެމަޝްވަރާތައް މިހާރު އޮތީ އެންމެފަހުގެ މަރުހަލާގައިކަމަށް މަލީހު ވިދާޅުވިއެވެ. މިމަޝްވަރާގައި ސަރުކާރުން ހަދާފައިވާ ދިރާސާތަކެއްގެ މައްޗަށް ބެލުމަށްފަހު އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް މަލީޙް ވިދާޅުވިއެވެ.

"މަޝްވަރާތަކުގެ އަލީގައި ސަރުކާރުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައި، ހުށަހެޅުންތައް ހުށަހެޅުމުގައި ރިޔާޢަތްކޮށްފައިވާނީ މިނިސްޓްރީއާއި ކޭމްއިން ހެދި ދިރާސާއެއްގެ މައްޗަށް، 26 ޤައުމެއްގެ މައްޗަށް ދިރާސާކުރެވުނީ. އެ ރިޕޯޓުން ދައްކައިދޭ އެއް ހަޤީޤަތަކީ ނިސްބަތުން ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ބޮޑުކަން، މިކަމަށް އަލި އަޅުވާލައި ސަރުކާރުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައި. އަޅުގަނޑުމެން މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް މިގެންދިޔައީ ދެ ފަރާތުން އެއްބަސްވެވޭ ހިސާބަކަށް މިކަންކަން ގެންދިއުމަށް" މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި އިންޓަނެޓް ފޯރުކޮށްދެނީ ބޮޑު ދެ ކުންފުންޏަކާއި ކުޑަ ކުންފުންޏަކުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ފަރާތްތަކަށް ހުއްދަ ދޭންޖެހިއްޖެނަމަ އެކަން ކުރަން ސަރުކާރުން ފަސް ނުޖެހޭނެކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް، ސަރުކާރުގެ ހުށަހެޅުން އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ޤަބޫލުކޮށް، ރައްޔިތުން އެދޭ މިންވަރަށް އަގުތައް ތިރިކުރުމަށްކަމަކީ ސަރުކާރުގެ އިލްތިމާސެއްކަމަށް މަލީހު ވިދާޅުވިއެވެ.

" ސަރުކާރުން މިކަމުގައި އެންމެ ބޮޑަށް ރިޔާޢަތްކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރެވޭނެ ގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް މިކަމުގެ ލުއި ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް" މަލީހު ވިދާޅުވިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާއިރު ރާއްޖޭއަކީ ނިސްބަތުން އިންޓަނެޓްގެ އަގު ބޮޑު ޤައުމެކެވެ. އެހެންކަމުން އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.