ޚަބަރު

މަދިރި ކޮންޓްރޯލް ކުރުމާގުޅޭ ޤަވާއިދެއް އެކުލަވާލަނީ


މަދިރި ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅު ކަނޑައަޅާ މަދިރި ކޮންޓްރޯލް ކުރުމާގުޅޭ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މި ޤަވާއިދުގެ ޑްރާފްޓް ފައިނަލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މި ޤަވާއިރު ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން އާންމުން ރައްކާތެރިކޮށް މަދިރި ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ތައްޔާރުކުރާ ޤަވާއިދެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިފަދަ ޤަވާއިދުތައް ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލާފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެ ދިޔަ ތިން އަހަރާއި އަޅާއި ބަލާއިރު މިއަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަށް ވަނީ އިތުރު ވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ އެކި ބަލިތައް ޖެހިގެން ތިންހާސް އަށާވީސް ކޭސް ރިޕޯރޓް ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށްޓަކައި ޤަވާއިދުން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާ ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ތަންފީޒްކުރަންވެސް ފަށްޓަވާފައެވެ.