ވިޔަފާރި

އެމްޓީސީސީގެ ބޯޑަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިޢުލާންކޮށްފި


އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ 2 ޑިރެކްޓަރުންގެ މަޤާމަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިޢުލާންކޮށްފިއެވެ.

އެމްޓީސީސީގެ ބޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް އެމްޓީސީސީގެ ބޯޑުން ނިންމާފައިވަނީ 4 ފަރާތެކެވެ. އެބޭފުޅުންނަކީ، އާއިޝަތު ހުސައިން މަނިކު - ހ. ރީނދޫކޮކާ، ފަތުހުﷲ އިސްމާއިލް - ހއ.ކެލޭ ފިރޯޒުގެ، އަހުމަދު އަބޫބަކުރު - ދަފްތަރު ނަމްބަރު 69895، އަދި ނާޝިމާ އަބްދުއްލަތީފް - ލައިޓްޝެޑޯރ، ކ.މާލެއެވެ.

އެމްޓީސީސީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ 2 ޑިރެކްޓަރުންގެ މަޤާމަށް މިފަރާތްތަކުގެ ތެރެއިން ދެ ބޭފުޅަކު އިންތިޚާބުކުރުން އޮންނާނީ އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައެވެ. ޖަލްސާ ބާއްވާނެ ތާރީޚެއް އެމްޓީސީސީން އިޢުލާންކޮށްފައެއް ނުވެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވުމުގެ ސަބަބުން ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ފައިދާ ނުބެހުމަށް ކުންފުންނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބފައިވަނީ، ގާތްގަނޑަކަށް 34 މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރުގެ ފައިދާ ދަށްވުމާއި ގުޅިގެން ފައިދާ ނުބެހުމަށް ކުންފުނިން ނިންމާފައިވާއިރު، 2017 ވަނަ އަހަރު ކުންފުނީގެ ހިއްސާއަކަށް ބަހާފައިވަނީ ހިއްސާއަކަށް 2.60ރ އެވެ. އެމްޓިސީސީއަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 147.3 މިލިއަން ރުފިޔާ ލިބުނުއިރު ހިއްސާދާރުންނަށް ޖުމްލަ 20.9 މިލިއަން ރުފިޔާ އެކުންފުނިން ބާހާފައިވެއެވެ.