ވިޔަފާރި

ފްލައިމީއިން އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް ހުއްޓާލައިފި


ވިލާ އެއަރއިން އޮޕަރޭޓްކުރާ ފްލައިމީއިން އައްޑޫ ސިޓީ ގަން އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.

ވިލާ އެއަރއިން ބުނީ ގަން އަދި ފުވައްމުލަކަށް ފްލައިމީއިން ކުރާ ދަތުރުތައް އަންނަމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ފްލައިމީން ގަން އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާއިރު، 3 އަހަރަށްފަހު އައްޑޫ ސިޓީ ގަން އަދި ފުވައްމުލަކަށް ފްލައިމީން ދަތުރުތައް ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ފްލައިމީއިން ގަން އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމީ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެގެންކަމަށް ވިލާއެއަރއިން ބުނެއެވެ. އެގޮތުން މުވައްޒަފުންގެ ދަތިކަމާހުރެ ބައެއް ފްލައިޓްތައް ޑިލޭވެ، ކެންސަލްކުރަން ޖެހިފައިވާކަމަށް ވިލާ އެއަރއިން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ޝަކުވާ ލިބެމުން އަންނަކަމަށްވެސް ވިލާ އެއަރއިން ބުނެއެވެ.

ވިލާ އެއަރއިން ބުނީ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށްޓަކައި ޕައިލެޓުންނާއި ކެބިން ކުރޫއިން ތަމްރީންކުރަމުންދާކަމަށެވެ. އަދި އިތުރު އެއަރ ކްރާފްޓެއްވެސް މިއަހަރުތެރޭގައި ގެނެސް، ގަން އަދި ފުވައްމުލަކަށް ކުރާ ދަތުރުތައް އަވަސް މުސްތަޤްބަލެއްގައި އަލުން ފަށާނެކަމަށް ވިލާ އެއަރއިން ބުނެއެވެ.