ވިޔަފާރި

ކުންފުނިތަކަށް ފައިސާ ހޯދަން ދިމާވާ ގޮންޖެހުންތައް ބަލަނީ


ރާއްޖޭގެ ހިންގާ ކުންފުނިތަކަށް ވިޔަފާރިކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުރި ގޮންޖެހުންތައް ދެނަގަތުމަށް ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީ.އެމް.ޑީ.އޭއިން ބުނީ މިސާވޭގެ މަޤްޞަދަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން ވިޔަފާރިކުރުމަށް ފައިސާ ބޭނުންވާ ކުންފުނިތަކާއި، ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ރާއްޖޭގައި ޤާއިމްކުރެވިފައިވާ ކެޕިޓަލް މާރކެޓް ނިޒާމުން ފައިސާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންކަމަށެވެ.

6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިސާވޭގެ ތެރެއިން މިހާރު ގޮންޖެހުންތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވެދޭވޭނެ ގޮތްތައް ދެނެގަނެވޭނެކަމަށްވެސް ސީ.އެމް.ޑީ.އޭއިން ބުނެއެވެ.

ފައިނޭންޝަލް ނީޑްސް އެސެސްމަންޓް ސާވޭގެ ނަމުގައި ކުރިއަށްގެންދާ މިސާވޭ ފެށުމަށްޓަކައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސީ.އެމް.ޑީ.އޭއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. އަދި އެމަސައްކަތް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަމަހުގެ 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް ސީ.އެމް.ޑީ.އޭއިން އިލްތިމާސްކުރެއެވެ.