ވިޔަފާރި

737 މެކްސް މައްސަލައިގައި އެއަރލައިންތަކުން ބަދަލު ހޯދަނީ


ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހުން މަނާކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޗައިނާގެ އެންމެ ބޮޑެތި އެއަރލައިންތަކުން ނިކުމެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ޗައިނާގެ އެންމެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެއަރ ޗައިނާ، ޗައިނާ އީސްޓަން އެއަރލައިންސް އަދި ޗައިނާ ސަދަން އެއަރލައިންސްއިން ވަނީ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް ބޭނުން ނުކުރެވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ސާފެއް ނުވެއެވެ.

ޗައިނާ ސަދަން އެއަރލައިންސްއިން ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ 24 މަތިންދާބޯޓު އޮޕަރޭޓްކުރާއިރު، އެއަރ ޗައިނާއިން 15 މަތިންދާބޯޓު އަދި ޗައިނާ އީސްޓަން އެއަރލައިންސްއިން މި މަރުކައިގެ 14 މަތިންދާބޯޓު އޮޕަރޭޓްކުރެއެވެ.

ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ދެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއަށްފަހު އެމަރުކައިގެ މަތިންދާބޯޓުތައް އުދުހުން ވަނީ މާޗުމަހުން ފެށިގެން މަޑުޖައްސާލާފައެވެ.

ޗައިނާގެ އެއަރލައިންތަކުގެ އިތުރުން، އެހެން ބައެއް އެއަރލައިންތަކުންވެސް ދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ އެމެރިކާއާއި ޔޫރަޕްގެ އެއަރލައިންތައް ހިމެނެއެވެ. ބައެއް އެއަރލައިންތަކަށް ލިބުނު ގެއްލުން އެތައް ސަތޭކަ މިލިއަން ޑޮލަރަށް އަރައެވެ.

ބޮއިންގ ކުންފުންޏަށް ކުރިމަތިވި މައްސަލަ ގަނޑާއެކު އެކުންފުންޏަށް ވަނީ މާލީ ގޮތުންވެސް ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ފައިދާވަނީ 21 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓު ގަތުންވެސް ކުންފުނިތަކުން ވަނީ މަޑުޖައްސާލާފައެވެ.