ށ.ފީވަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތައްކަށް އެރަށުން ބަޔަކު ރާވައިގެން ހުރަސްއަޅަމުން ދާކަމަށް ފެނަކަ ކޯޕަރޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަންނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފީވަކަށް ކަރަންޓު ދެވޭވަރަށް އެރަށުގައި ޖެނެރޭޝަން ކެޕޭސިޓީ ޤާއިމްކޮށްފައިވާކަމަށެވެ. އަދި ދިމާވާ ބައެއްޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި ބަޔަކު ރާވައިގެން މަސައްކަތަށް ހުރަސްއަޅަމުންދިޔަނަމަވެސް ފީވަކުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރިންވެސް ރޭވިފައިވާ ކަންކަން ކުރަމުންދާކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ވަކި ވަގުތެއްގައި ކަރަންޓް ކަނޑާލާނެކަން އެންގުމަށްފަހު އެމަސައްކަތް ކުރަމުންދަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑުގަދަކުރުމުގެ ސަބަބުން މަސައްކަތުގެ މާހައުލު ގެއްލި ކުރަމުންދިޔަ މަސައްކަތް ނިންމައިއަލުން ކަރަންޓް ފޯރުކޮށްދިނުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ އަލުން ކަރަންޓް ފޯރުކޮށް ދިނުމަށް ގިނަ ވަގުތުތަކެއް ނެގިކަމަށެވެ.
މީގެ އިތުރުން މިމަހުގެ 22 ވަނަ ދުވަހުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އެރަށުގެ އިންޖީނުގޭގެ އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒަފުންނަށް ބިރުދައްކައި މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކަނަޑާލިކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ހުކުރު ދުވަހުގެ ރޭ އެރަށު އިންޖީނިކަށް ދިމާވި މައްސަލައަކާ ގުޅިގެން ދަންވަރު ކަރަންޓް ކެނޑުނުތަނާހެން ރައްޔިތުންތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަކޮށް މަސައްކަތުގެ މާޙައުލް ގެއްލުވާލާ ކަރަންޓުގެޚިދުމަތް އަލުން ފޯރުކޮށް ދިނުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން އަލުން ކަރަންޓް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި ކަރަންޓުގެޚިދުމަތް އަނބުރާ ދެވުނީ ކަރަންޓުގެ ޚިދުމަތް ދިނުމާދެކޮޅު ހަދަމުން ދިޔަ މީހުންނާ ދެކޮޅަށް، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކަރަންޓު އިޔާދަކުރަން އެދިގެންކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ށ. ފީވަކު ކަރަންޓް ޚިދުމަތް ފޯރުކޮށް ދެމުންދަނީ 180 ކިލޯވޮޓް، 128 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއެކު ޖުމަލަ 3 ޖެނަރޭޓަރު ބޭނުންކޮށްގެންނެވެ. އަދި އެރަށުގެ އެންމެ މަތީ ލޯޑަކީ 200 ކިލޯވޮޓް ކަމަށްވެސް ފެނަކައިން ބުނެއެވެ.