ވިޔަފާރި

"ދިރާގު ހޮޓްސްޕޮޓް" 15 ސަރަހައްދެއްގައި ޤާއިމުކޮށްފި


ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް 15 ސަރަޙައްދެއްގައި "ދިރާގު ހޮޓްސްޕޮޓް"ގެ ނަމުގައި ވައިފައި ހޮޓްސްޕޮޓްތަކެއް ގާއިމްކޮށްފިއެވެ.

"ދިރާގު ހޮޓްސްޕޮޓް" ރަސްމީކޮށް އިފްތިތާހުކުރުމަށް ރަސްރަނި ބަގީޗާ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ. އީ. އޯ އަދި އެމް. ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން ތައާރަފްކުރާ ހޮޓްސްޕޮޓްތަކަކީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ޒަމާނާއެކު އެންމެހާ ދިވެހިން ޑިޖިޓަލް ވިއުގާއާއި ގުޅުވާލަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

ދިރާގުން ބުނީ މި ހޮޓްސްޕޮޓްގެ ޒަރިއްޔާއިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ހިލޭ 30 މިނެޓަށް ވައިފައި ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކޮންމެ ލޮކޭޝަނަކަށް ވަކި ހާއްސަ ޕެކޭޖްތަކެއްވެސް ވަނީ ތައާރަފުކޮށްފައިއެވެ.

ދިރާގުން ބުނީ ހޮޓްސްޕޮޓްތައް ބޭނުންކޮށްގެން ފޯނުގައި ޑޭޓާ ހުސްވެފައިހުރި ކަމުގައިވިޔަސް ވަޓްސް އަޕް ކޯލެއް، އިންސްޓަގްރާމައް ފޮޓޯއެއް އަޕްލޯޑްކޮށްލުން ނުވަތަ ވައިބާ އިން މެސެޖެއް ކޮއްލުން ކަހަލަ ކަންތައްތައް ފަސޭހަކަމާއެކު ކޮށްލެވޭނެކަމަށެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.