ވިޔަފާރި

އެންމެ ވާދަވެރި އިޤްތިޞާދަކަށް ސިންގަޕޫރު


ދުނިޔޭގެ އެންމެ ވާދަވެރި އިޤްތިޞާދުތަކުގެ ލިސްޓުގެ އެއްވަނަ ސިންގަޕޫރުން ހޯދައިފިއެވެ.

ސުވިޓްޒަލެންޑުގެ އައި.އެމް.ޑީ ބިޒްނަސް ސްކޫލުން ކޮންމެ އަހަރަކު ނެރޭ މިލިސްޓަކީ ޤައުމުތަކުގެ އިޤްތިޞާދީ ކަންކަމާއި އެހެނިހެން ބައެއް ކަންކަމަށް ރިޔާޢަތްކޮށް ނެރޭ ލިސްޓެކެވެ.

63 ޤައުމެއް ހިމެނޭ ދުނިޔޭގެ އެންމެ ވާދަވެރި އިޤްތިޞާދުތަކުގެ ލިސްޓުގެ އެއްވަނަ ސިންގަޕޫރުން ހޯދިއިރު، ލިސްޓުގެ ދެވަނަ ހޯދީ ހޮންގކޮންގުންނެވެ. އަދި 3 ވަނަ ހޯދީ އެމެރިކާއިންނެވެ. މިލިސްޓުގެ އެއްވަނަ ސިންގަޕޫރުން އެންމެފަހުން ހޯދީ 2010 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ސިންގަޕޫރަށް ލިބިފައިވަނީ މިލިސްޓުގެ 3 ވަނައެވެ.

އެންމެ ވާދަވެރި އިޤްތިޞާދަކަށް ސިންގަޕޫރު ހޮވުމުގައި، އެޤައުމުގައި ވިޔަފާރިކުރުމަށް ހުރި ލުއި ފަސޭޙަތަކާއި ޤާނޫނުތަކުގައި ހުރި ފަސޭޙަތަކަށް ރިޔާޢަތްކޮށްފައިވެއެވެ. މީގެ އިތުރުން ޤާބިލް މަސައްކަތްތެރިން ހޯދުމަށް ފަޞޭޙަވުމާއި އެޑްވާންސް ޓެކްނޮލޮޖީއަކީވެސް މިމަޤާމު ސިންގަޕޫރަށް ލިބުނު ސަބަބެކެވެ.

އެންމެ ވާދަވެރި އިޤްތިޞާދުތަކުގެ ލިސްޓަށް ބަލާލާއިރު، ސިންގަޕޫރުގެ އިތުރުން މިލިސްޓުގެ ގަދަ 10 ގައި ހިމެނޭ އޭޝިޔާގެ ޤައުމުތަކަކީ ޔޫ.އޭ.އީއާއި ޤަތަރެވެ. ގަދަ 10 ގައި ދެން ހިމެނެނީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދުކަމުގައިވާ ޗައިނާއަށް ލިބިފައިވަނީ ލިސްޓުގެ 14 ވަނައެވެ. އިނގިރޭސިވިލާތަށް ލިބިފައިވަނީ 23 ވަނައެވެ.

މުޅި ލިސްޓަށް ބަލާލާއިރު، ލިސްޓުގައި ހިމެނޭ އޭޝިޔާ ޕެސިފިކަށް ނިސްބަތްވާ 14 ޤައުމެއްގެ ތެރެއިން 11 ޤައުމަކުން ވަނީ އެޤައުމުތަކުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށްފައެވެ. މިދިޔަ އަހަރުގެ ލިސްޓާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ސަޢުދީ ޢަރަބިއްޔާއިންނެވެ. މިދިޔަ އަހަރުގެ ލިސްޓުގައި ސަޢުދީއަށް 39 ވަނަ ލިބިފައިވާއިރު މިއަހަރު އެޤައުމަށް 13 ދަރަޖައިގެ ކުރިއެރުމަކާއެކު ލިސްޓުގެ 26 ވަނަ ވަނީ ލިބިފައެވެ.