ވިޔަފާރި

އީދު ޗުއްޓީއަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ޑިމާންޑް ބޮޑުވެއްޖެ


ފިތުރު އީދު ޗުއްޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ރަށުން ބޭރަށް އަދި ޤައުމުން ބޭރަށް ދަތުރުކުރާ ދުވަސްކޮޅެކެވެ. ސަރުކާރު ބަންދުވުމާއެކު އާއިލާއާއެކު އަދި ރަށްޓެހިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ ރިސޯޓުތަކަށާއި ރަށްރަށުގެ ގެސްޓްހައުސްތައް އަދި ޤައުމުން ބޭރަށްވެސް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރެއެވެ.

ޢީދުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް ބޮޑުވުމެވެ. އެގޮތުން ދިވެހި ޓްރެވަލް އެޖެންސީއެއް ކަމަށްވާ އިނަރ މޯލްޑިވްސްއިން ބުނީ، މިއަހަރު އެންމެ ޑިމާންޑުބޮޑުކޮށް އުޅެނީ ރާއްޖޭގެ އެކި އެކި ގެސްޓްހައުސްތަކަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖްތަކަށް ކަމަށެވެ. މީގެތެރެއިންވެސް ބ. އަތޮޅުގެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު މިއަހަރު ބޮޑުކަން އިނަރ މޯލްޑިވްސްއިން ފާހަގަކުރެއެވެ.

އިނަރ މޯލްޑިވްސް އަކީ ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އެޖެންޓެވެ. އެގޮތުން އީދާ ދިމާކޮށް ތަފާތު ޕެކޭޖުތަށް ވަނީ ސްރީލަންކާއަށް އަމާޒްކޮށް ތައްޔާރުކޮށްފައެވެ. އެެހެން ނަމަވެސް މިހާރު ލަންކާގައި ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ މަންޒިލަށް ދިއުމަށް ޓިކެޓް ނަގާ ފަރާތްތަށް އެހެން އަހަރުތަކާއި އަޅާ ބަލާއިރު، ސާޅީސް އިންސައްތަ ދަށްވެފައިވާ ކަމަށް އިނަރ މޯލްޑިވްސްއިން ފާހަގަކުރެއެވެ.

އާއްމުގޮތެއްގައި ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރުމަށް ދަނީ ރައްޓެހިންނާއި، އާއިލާތަކެވެ. އަދި ރިސޯޓްތަކަށް އާއްމުގޮތެއްގައި ދަނީ ދެމަފިރިން އަދި ކުޑަ އާއިލާތަކެވެ.

ރާއްޖޭގައި ޓްރެވަލް އެޖެންސީއެއްކަމަށްވާ 'ވަން ސްޓެޕް ހޮލިޑޭސް' އިން ހާމަކުރާގޮތުގައި، މިއަހަރުގެ ފިތުރު އީދު ޗުއްޓީއަށް ރާއްޖޭގެ ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ދިއުމަށް މައުލޫމާތު އޮޅުންފިލުވުމަށްވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ގުޅާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އަށްޑިހަ އާއި ސަތޭކަ އާއި ދެމެދުގެ އަދަދަށް މީހުން ޕެކޭޖްތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ރިސޯޓްތަކަށް ޗުއްޓީ އަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ މާލެއާއި ކައިރި ރިސޯޓްތަކަށް ދިޔުމަށް ކަމަށްވެސް ވަން ސްޓެޕް ހޮލިޑޭސް އިން މަޢުލޫމާތުދެއެވެ.

ސޯޝަލް މީޑިއާގައިވެސް މި ދުވަސްކޮޅު ފެންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ގެސްޓްހައުސްތަކުން އީދަށް ތައްޔާރުކޮށްފައިވާ ޕެކޭޖްތަކުގެ އިޝްތިހާރުތަކެވެ.

ރަށްރަށަށް ޗުއްޓީއަށް ދިޔުން މިހާރުވެފައިވަނީ ފަސޭހަކަމަކަށެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއި އެކު އަމިއްލައަށް ހުރިހާ ކަމެއް ހަމަޖައްސާލައިގެން ދަތުރުދާ މީހުންވެސް މަދެއް ނޫނެވެ.

މާލެއާއި ކައިރި ރަށްރަށަށް އެންމެ ޑިމާންޑު ބޮޑުވެފައިވާ އިރު، މާފުށްޓަކީ ކޮންމެ އަހަރެއްގެވެސް އީދަށް ހުރިހާ ގެސްޓްހައުސްއެއްވެސް ފުރޭ ރަށެކެވެ. މާފުށީގައި އެންމެ ބޮޑު އެއް ގެސްޓްހައުސް ކަމަށްވާ އެރީނާ ބީޗް ހޮޓެލް އިން ބުނީ އީދަށް އެ ހޮޓާ އެއްކޮށް ފުރިފައިވާކަމަށެވެ.