ޚަބަރު

އޭދަފުށި ބަލިކޮށް ޑީ.އެސް.ސީ ވެޓަރަންސް ކަޕްގެ ފައިނަލަށް


ރަމަޟާން ވެޓްރަންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ދިވެހި ސިފައިންގެ ކުލަބް ޖާގަ ހޯދައިފިއެވެ.

ދިވެހި ސިފައިންގެ ކުލަބް ފައިނަލުން ޖާގަ ހޯދާފައިވަނީ އޭދަފުށި ވެޓެރަންސް ޓީމްއާއި ވާދަކޮށް ޕެނަލްޓީއިން 5 ލަނޑު 4 ލަނޑުން ކުރި ހޯދައިގެން. މެޗްގައި ދެ ޓީމްއަށްވެސް ލަނޑުޖަހާނެ ފުރުސަތު ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ސިވެހި ސިފައިންގެ ކުލަބްއަށް ދެ ހާފްގައިވެސް ލިބުނު ޕެނަލްޓީއެވެ. ފުރަތަމަ ހާފްގައި ދިވެހި ސިފައިންގެ ކުލަބްއަށް ލިބުނު ޕެނަލްޓީ ފޮނުވާލީ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޢަނީއެވެ. ފުރަތަމަ ފަހަރަށް ފޮނުވާލި ފެނަލްޓީ ގޯސްވެގެން، ރެފްރީ އަމީޒުދިން ދެވަނަ ފުރުސަތުގައި އައްސަދު ފޮނުވާލި ބޯޅަ ދިމާވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މެޗްގެ ދެވަނަ ހާފްގައި ސިފައިންގެ ޓީމްއަށް ލިބުނު ޕެލަންޓީ ފޮނުވާލީ އަލީ ޝަމީމެވެ. ޝަމީމް ފޮނުވާލި ޕެނެލްޓީ ދިޔައީ ހުރަސް ދަނޑިން ބޭރަށެވެ.

އޭދަފުށީ ޓީމްއަށް ލީޑް ނެގުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ އިސްމާޢީލް މުހައްމަދު އާއި އަބްދުލް މަޖީދު އިބްރާހީމްއަށެވެ. މިދެ ކުޅުންތެރިންނަށްވެސް ވަނީ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަ ދުވަހު ހަވީރެވެ. އެއްވެސް މެޗްއަކުން ބަލިނުވެ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައިވަނީ މާޒިޔާއެވެ.
ލީގް ބުރުގައި ސިފައިންގެ ކުލަބްއާއި މާޒިޔާ ބައްދަލުކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމްކަމަށްވާ ކުލަބް ވެލެންސިޔާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް މިފަހަރު ބައިވެރިއެއްނުވެއެވެ. ކުލަބް ވެލެންސިޔާއަށް ބައިވެރި ނުވެވުނީ އެޓީމް ދެވަނަ ޑިވިޝަންއަށް ރެލިގޭޓް ވުމުން އަދި ނިއުއަށް ބައިވެރި ނުވެވުނީ އެޓީމް ސަސްޕެންޝަންގައި އޮތުމުންނެވެ.