ޚަބަރު

މަޖިލީހުން 17 ދާއިމީ ކޮމިޓީ އެކުލަވާލަން ނިންމައިފި


ޖުޑިޝަރީ ކޮމިޓީ ހިމެނޭހެން އައު 5 ކޮމިޓީއާއެކު 19ވަނަ ރައްޔިތުންގެ މަޖިލީހުގައި 17 ދާއިމީ ކޮމެޓީ އެކުލަވާލެއްވުމަށް މަޖިލީހުގެ ވަގުތީ ކޮމެޓީން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމުން މިއަދު ނިންމާފައިވަނީ ކުރިން އޮތް 12 ދާއިމީ ކެމޮޓީގެ އިތުރަށް މުޅިން އަލަށް 5 ކޮމެޓީއެއް އެކުލަވާލުމަށެވެ.

އަލަށް އެކުލަވާލަން ނިންމާފައިވާ ކޮމިޓީތައް

1- ލާމަރުކަޒީ ކޮމިޓީ
2- ޖުޑިޝަރީ ކޮމިޓީ
3- އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
4- ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
5- ފޮރިން ރިލޭޝަންސް ކޮމިޓީ

މި ފަސް ކޮމެޓީގެ އިތުރުން ކުރިން ޤައުމީ ތަރައްޤީގެ ކޮމެޓީގެ ނަމުގައި އޮތް ކޮމިޓީގެ ނަން "ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީ"ގެ ނަމަށް ބަދަލުކުރަން ވަގުތީ ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުރިން ހިނގަމުންއައި ކޮމިޓީތަކާއެކު މަޖިލީހުގެ ޖުމުލަ ކޮމިޓީތަކުގެ ޢަދަދު 17 އަށް އަރާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައެވެ.

މަޖިލީހުގެ ވަގުތީ ކޮމިޓީން 17 ދާއިމީ ކޮމެޓީ އެކުލަވާލަން ނިންމާފައިވާއިރު، މަޖިލީހުގެ ޤަވާއިދުގެ 111 ވަނަ މާއްދާގެ ދަށުން ދާއިމީ ކޮމިޓީތަކަށް މެންބަރުން އެކުލަވާލުމުގެ މަސައްކަތް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ޖަލްސާއަށް ވަނީ އެޖެންޑަކޮށްފައެވެ.

މަޖިލީހާ ގުޅޭ މިހާރު ހުރި ދާއިމީ ކޮމިޓީތައް

1- ޢާއްމު ކޮމިޓީ
2- ޕެޓިޝަން ކޮމިޓީ
3- އިމްތިޔާޒް ކޮމިޓީ
4- ސުލޫކު ކޮމިޓީ

ސަރުކާރުގެ އިދާރާތަކާ ގުޅޭ ކޮމިޓީތައް

1- ގަވާއިދު ކޮމިޓީ
2- މާލިއްޔަތު ކޮމިޓީ
3- އިޤްތިޞާދީ ކޮމިޓީ
4- އިޖްތިމާޢީ ކޮމިޓީ
5- ޤައުމީ ސަލާމަތުގެ ކޮމިޓީ
6- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
7- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
8- ޤައުމީ ތަރައްޤީ ކޮމިޓީ

މީގެ އިތުރުން މަޖިލީހުގެ ޤަވާއިދުގެ 29ވަނަ މާއްދާގައި ވާގޮތުގެ މަތީން އައު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި، ޕާލެމެންޓަރީ ގްރޫޕްތަކުގެ ވިޕުން ކަނޑައަޅުއްވައިދެއްވުމަށް މަޖިލީހިގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ޕާލިމެންޓްރީ ގްރޫޕްތަކަށް ސިޓީ ފޮނުވާފައެވެ.